އުމަރު ނަސީރު

ގިޞާސް ހިފަންކެރޭ ސަރުކާރެއް އުފައްދާނަން: އުމަރު

Jan 24, 2022
3

ޤިޞާސް ހިފަންކެރޭނެ ސަރުކާރެއް ރާއްޖޭގައި އުފައްދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ އޭނާގެ ހޯމް މިނިސްޓަރު ކަމުގައި ރާއްޖޭގައި ގިޞާސް ހިފުމަށް ތައްޔާރުވުމަށް އަމުރު ކުރެއްވިތާ އިއްޔެ އަށް އަށް އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.

އުމަރު ވިދާޅުވީ ފުރާނައެއް ދުއްވާލާ މީހާ ޤިޞާސް ނުހިފާ ޖަލަށް ލުމަކީ ދައުލަތަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ. އެއީ މަރުވި މީހާގެ އާއިލާ އަށް ލިބިގެންވާ ހައްގެއް ކަމުގައިވެސް ވިދާޅުވި އެވެ.

މުޖުތަމައުގެ ތެރޭގައި އަދުލުވެރިކަން ގާއިމުކުރުމަށްޓަކައި ޤިޞާސް ހިފުމަކީ ދައުލަތުގެ ފަރާތުން ތަންފީޒު ކޮށްދޭން ޖެހޭ ހުކުމެއް ކަމުގައިވެސް އުމަރު ވިދާޅުވި އެވެ.

އިރާދަކުރެއްވިއްޔާ ރާއްޖޭގައި ޤިސާސް ހިފަންކެރޭނެ ސަރުކާރެއް އުފައްދާނަން. ޤިސާސް އަކީ އެކަމުގައި ދިރުމެއްވާ ކަމެއް." އުމަރު ވިދާޅުވި އެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށް ޝަރުއީ ހުރިހާ މަރުހަލާ އަކުން ސާބިތުވާ މީހުން މެރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތްތަކެއް ކުރި އެވެ. އޭރު ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނަވައިގެން އެކަމާ ގުޅޭ ގަވައިދެއް ވެސް އެކުލަވާލާ ގެޒެޓް ކުރި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ގަވައިދު ގެޒެޓް ކުރުމާއި އެކު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އެކަން ނުކުރަން ސަރުކާރަށް ތަކުރާރުކޮށް ގޮވާލައި ފިއްތުންތައް ވެސް ކުރިމަތި ކުރި އެވެ.

މަރަށް މަރު ހިފާނެ ކަމުގައި ރައީސް ޔާމީން ވެސް ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައިރު އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.