ޝިދާތާ ޝަރީފު

ގާސިމްގެ ނިންމެވުމަށް ޝިދާތާ ފާޑުވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގަތުމަށް ނިންމެވުމުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް މިއަދު އަވަސް އަށް ވިދާޅުވީ ސަރުކާރުގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާ އިސް ބޭފުޅުންނާ އެކު ގާސިމް އިބްރާހީމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކުރައްވާ ދަތުުރުފުޅެއްގައި މާދަމާ އެ ދާއިރާ އަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން އަވަސްގައި އޮތް ހަބަރާއެކު ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތާއި ގުޅިގެން ގާސިމަކީ ހައިރިސް ބޭފުޅަކަށްވާތީ މަޖިލީހަށް ވަޑައިނުގެން ދެ އަހަރު ދުވަހު މުސާރަ ނެންގެވި ކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސް މި ދަނޑިވަޅުގައި މިހާރު ކެންޕެއިނަށް ވަޑައިގަންނަވާތީ ޝިދާތާ ވަނީ ސުވާލު އުފައްދަވާފައެވެ.

"ދެ އަހަރުވީ ކޮވިޑްގެ ހާލަތާއި ގުޅިގެން ހައިރިސްކު ބޭފުޅަކަށް ވާތީ މަޖިލީހަށް ވަޑައިނުގަންނަވާ މުސާރަ ނަންގަވާތާ. ކޮވިޑްގެ ހާލަތު އެންމެ ގޯސް ވި ދަނޑިވަޅު ބަލާ މިހާރު ކެންޕެއިނަށް. ރައްޔިތުންނަށް އިހުލާސްތެރި މަނިކުފާނަށް ވެވޭނީ ތި ވަރަށް،" ގާސިމަށް އަމާޒު ކުރައްވާ ޝިދާތާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާތާ ދޮޅު އަހަރު ފަހުން މަޖިލީހުގެ ޖަލްސާއެއްގައި ގާސިމް ފުރަތަމަ ބައިވެރިވެވަޑައިގެންނެވީ އޮގަސްޓް 16، 2021 ގައެވެ. ގާސިމް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަންނަވާތީ މީގެކުރިން އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ.

ކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ގާސިމް މާލެ ވަޑައިނުގެން މަޖިލީހުގެ ޖަލްސާތަކަށް ސަލާމް ވިދާޅުވެފައިވަނީ މާލޭގައި ކޮވިޑުގެ ހާލަތު މީގެކުރިން އޮތްގޮތުން އެންމެ ރައްކާތެރި ގޮތަކީ ކޮވިޑް ނެތް ސަރަހައްދެއްގައި ހުންނެވުން ކަމަށްވާތީ ކަމަށެވެ. ކޮވިޑު ނެތް ސަރަހައްދެއްގައި ހުންނެވުމަށްފަހު ކޮވިޑް އޮތް ސަރަހައްދަކަށް ވަޑައިގަތުމުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުރުމުން ގާސިމަށް ވެސް އަދި އެހެން މީހުންނަށް ވެސް އެންމެ ރައްކާތެރި އަދި އެންމެ ހެޔޮގޮތަކީ އެމީހަކު ހުރި ތަނެއްގައި ހުރުން ކަމަށް ގަބޫލުކުރައްވާތީ ގާސިމްގެ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑްގައި މަޑުކުރައްވައިގެން އެމަނިކުފާނު ހުންނެވީ ކަމަށްވެސް ޖޭޕީން ބުނެފައިވެ އެވެ.

"މިއީ ސިއްހީ ގޮތުން ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާ ވަގުތެއް ކަމުން ގާސިމް ބައްލަވަމުން ގެންދަވަނީ އެންމެނަށް ވެކްސިން ލިބި ގައުމުގެ ހާލަތު އާދައިގެ ހާލަތަކަށް ބަދަލުވެ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ހުރަސްތަކަށް ލުއި ލިބޭނޭ ދުވަހަކަށް. އުންމީދަކީ ވީހާވެސް އަވަހަށް ހާލަތު ބަދަލުވުން،" ފާޑުކިޔުންތަކާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީން ބުނެފައިވެ އެވެ.

މަޖިލީހުގެ މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކާއި މިއަހަރުގެ ފުރަތަމަ ދެ ދައުރުގެ ޖަލްސާތަކުގައި ގާސިމް އިބްރާހީމް ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް އޭގެކުރިން ގާސިމް އިބްރާހީމަކީ މަޖިލީހުގެ ހާޒިރީ އަށް ޖުމްލަކޮށް ރަނގަޅު ބޭފުޅެކެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެ ޕާޓީން ތާއީދުކުރާނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ކަމަށް ކުރިން ނިންމާ އެކަން އިއުލާންކޮށްފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ރާޝިދަށް ތާއީދުކުރަން ނިންމާފައިވެ އެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އެމްއާރްއެމް އިން ރާޝިދަށް ތާއީދު ކުރާ ކަން ހާމަނުކޮށް، ގޮވާލާފައިވަނީ ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯލެބުމެއް ނެތި ގާނޫނުން ކަށަވަރު ކޮށްދީފައިވާ އަމިއްލަ އިހްތިޔާރުގައި ވޯޓު ލުމުގެ ހައްގު އަމާނާތްތެރިކަމާއެކު ބޭނުންކުރުމަށެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް އިސްވެރިންނާއި ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުން ގެންދަވަނީ މިހާރު ވެސް ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕޭން ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް ވެސް މީގެކުރިން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭންގައި އަމަލީ ގޮތުން މަސައްކަތް ކުރައްވާފައވެ އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.