ލައިފްސްޓައިލް

"މާ ފަލަކަމުން" އޮސްޓްރޭލިއާ މީހެއްގެ ވަޒީފާ ގެއްލިއްޖެ

ރަނގަޅު ވަޒީފާއެއް ލިބިގެން ދުރު ހިސާބުތަކަށް އަނބިމީހާ އާއި ދަރިންނާ އެކު ހިޖުރަ ކުރުމަށްފަހު ކުއްލިއަކަށް ވަޒީފާ ގެއްލިއްޖެނަމަ ކުރެވޭނެ އިހްސާސް މި މީހާއަށް ވަނީ ކުރަން ޖެހިފަ އެވެ.

މި މިހާ އަށް ވަޒީފާއެއް ލިބުނީ އޭނާ ދިރިއުޅޭ ގެއާއި 3000 ކިލޯ މީޓަރު ދުރުގައި ހުރި ތަނަކުންނެވެ. ވަޒީފާ ލިބުމުން އޭނާ އަށް ޖެހުނީ އަނބިދަރިން ގޮވައިގެން އެހާ ދުރަށް ދަތުރުކޮށް އެތަނުގައި ދިރިއުޅެން ފަށާށެވެ. ނަމަވެސް ވަޒީފާއަށް ނުކުތްތާ އެންމެ ދެ ގަޑިއިރު ތެރޭގައި އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. ސަބަބަކަށް ވަނީ "މާ ފަލަކަމުން"ނެވެ.

ހަމީޝް ގްރެފިން އަށް ވަޒީފާ ލިބުނީ ޓަސްމޭނިއާގެ ބިގް4 ހޮލިޑޭ ޕާކްސް އިންނެވެ. މިއީ އެ ގައުމުގައި ހިންގާ ރިކްރިއޭޝަނަލް ޕާކް ނެޓްވޯކެކެވެ. ވަޒީފާ ލިބުމުން ގްރެފިން ވަނީ އޭނާގެ އަންހެނުން ހޭޒަލް ގްރެފިން އާއި ފިރިހެން ދަރިފުޅު ފްރެޑީ ގޮވައިގެން ޓަސްމޭނިއާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

އޭބީސީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި ގްރެފިން ބުނީ ވަޒީފާ އަށް ނުކުތްތާ މާ ގިނައިރެއް ނުވެ ވަޒީފާއިން ވަކިކޮށްލީ މާ ފަލަކަމުން ވަޒީފާ އަދާ ނުކުރެވޭނެ ކަމަށް ވަޒީފާ ދިން މީހުންނަށް ގަބޫލު ކުރެވިގެންނެވެ.

"އަހަރެން ކައިރީ ބުނި ހަރުގަނޑަށް އެރުމާއި ލޯންމޯވާ ކޮއްޕުން ފަދަ ކަންތައް އަހަންނަކަށް ނުކުރެވޭނޭ. އަހަރެން ޕާކްގައި މަސައްކަތް ކުރަނިކޮށް ފުރަތަމަ މިއަޑުތައް އަހަންނަށް އިވުނީ،" ގްރެފިން ބުންޏެވެ.

ގްރެފިން ބުނި ގޮތުގައި ޕޭކް މެނޭޖަރެއްގެ ގޮތުގައި ކުއީންސްލޭންޑްގައި އޭނާ އަށް އަހަރު ދުވަހު މަސައްކަތް ކޮށްފައި ވެއެވެ. އަދި ޓަސްމޭނިއާ އިން އޭނާއަށް ލިބުނު ވަޒީފާ އަކީ މެއިންޓެނަންސް އޮފިސަރެއް ނުވަތަ ގްރައުންޑްސްކީޕަރެއްގެ ވަޒީފާ ނޫން ކަމަށާއި މެނޭޖްމަންޓް ދާއިރާގައި މަސައްކަތްކުރަން ޖެހޭ ވަޒީފާއެއް ކަމަށް ގްރެފިން ބުންޏެވެ.

"އަހަންނަށް ވެސް އެނގޭ ބައެއް ފަހަރު ކުއްލިއަކަށް އަވަހަށް ކުރަން ޖެހޭ މަސައްކަތްތަކުގައި އެހީތެރިވާން ހަރުގަނޑަށް އެރުމާއި އެއްޗެތި އުފުލައިގެން ތަންތަނަށް ގެންދިއުން ފަދަ ކަންކަމުގައި ވެސް އެހީތެރިވާން ޖެހިދާނެކަން. މިއަށް ވުރެ މާބޮޑު ޕާކެއްގައި މިފަދަ ހުރިހާ ކަމެއް ވެސް އަހަރެން ވާނީ ކޮށްފައި،" ގްރެފިން ބުންޏެވެ.

ގްރެފިން ބުނި ގޮތުގައި އޭނާއަށް ވަޒީފާ ދިނީ ވީޑިއޯ އިންޓަވިއުއަކަށް ފަހުގަ އެވެ. އެހެންވީމާ އޭނާގެ ހަށިގަނޑު ހުރި ގޮތް ވަޒީފާ ދިން އިރު ވެސް އެނގޭނެ އެވެ. އަނެއްކޮޅުން ގްރެފިން އަށް ވަޒީފާ ދިިން ފަރާތުން އޭބީސީ ނިއުސް އަށް ދީފައިވާ އިންޓަވިއުގައި ބުނީ ގްރެފިން ވަޒީފާއިން ވަކިކުރަން ޖެހުނީ އޭނާގެ ސިއްހީ ބޮޑު މައްސަލައެއް ހުރެ އެ ވާހަކަ އިންޓަވިއު ކުރިއިރު ބުނެފައި ނުވާތީ އެވެ.