ދުނިޔެ

އީޔޫއިން 1.35 ބިލިއަން ޑޮލަރު ޔުކްރޭނަށް

ޔޫރަޕްގެ އިއްތިހާދުން 1.35 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމެއް ޔުކްރޭނަށް ދޭން ނިންމައިފި އެވެ. އީޔޫއިން ބުނީ މިނިވަން މުސްތަގިއްލު ދައުލަތެއް ޔުކްރޭންގަައި އޮތުން މުހިންމު ކަމަށެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރުސުލާ ވޮން ޑޭ ލޭޔަން ވިދާޅުވި ގޮތުގައި ޔުކްރޭން މިހާރު އޮތީ މާލީ އެހީތެރިކަމަށް ބޭނުންވެފަ އެވެ. އޭނާ ވިދާޅުވި ޔޫރަޕިއަން ޕާލިމެންޓުން ފާސްކޮށްފި ނަމަ، މިހާރުން މިހާރަށް ދެބައިކުޅަ އެއްބައި ޔުކްރޭނަށް ފޯރުކޮށްދޭނެ ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕުން ޔުކްރޭނާ ހެދި ހީވަނީ އެހެންފަދަ ކަމެއް ވެގެން އުޅޭހެންނެވެ. ރަޝީއާ އިން ޔުކްރޭނަށް އަަރައިގެންފާނެ ކަމަށް ވިސްނޭވަރުން އެމެރިކާ އާއި އިނގިރޭސިން އަދި ޔޫރަޕަށް އެހެން ކަމެއް ކުރާނެ ސިކުންތެއް ވެސް މިދުވަސްވަރު ނުލިބެ އެވެ.

ރަޝިއާއިން ޔުކްރޭން ބުޑަށް ސިފައިން ޖަމާކުރާ ވާހަކަ އަކީ ދޮގެއް ކަމަކަށް ރަޝިއާ އިން ވެސް ނުބުނެ އެވެ. އެހެން ނަމަވެސް ރަޝިއާ ސިފައިން ތިބީ ރަޝިއާ ބިމުގަ އެވެ.

ޔުކްރޭނާއި ރަޝިއާ އަކީ ބޯޑަރުން ގުޅިފައި އޮންނަ ދެ ގައުމަށް ވާތީ ދެ ގައުމު އޮންނަނީ އެއްގައުމު އަނެއް ގައުމެއްގެ ފުޅަށްބުޑުގަ އެވެ. މިއީ އިންވެގެން ހުންނަ ދެގޭގެ މިސާލެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް އަރައިގަތުމުގެ ވިސްނުމެއް ނެތެވެ. އެހެން ނަމަވެސް ޔުކްރޭނަށް ހެޔޮބޮޑުވެގެން އުޅޭ ނޭޓޯ ސިފައިން ތިބީ ރަޝިއާ އަށް ކަމުނުދާ ހިސާބުގައި ކަމަށް ބުނެ އެވެ.

ރަޝިއާއިން ބުނީ ނޭޓޯ ސިފައިން ޔުކްރޭންގައި ބައިތިއްބައިގެން ނުވާނެ ކަމަށާއި ޔުކްރޭނާއި ޖޯޖިއާއަށް ނޭޓޯ މެމްބަރުކަން ވެސް ދީގެން ނުވާނެ ކަމަށެވެ.

ޔުކްރޭނަށާއި ޖޯޖިއާއަށް ނޭޓޯ މެމްބަރުކަން ދީފި ނަމަ ނޭޓޯ ސިފައިން އެ ސަރަހައްދުން ދުވަހަކު ވެސް ނުފިލާނެ އެވެ. އަދި އެއީ ރަޝިއާއަށް ވަަރަށް ބޮޑު ނުތަނަވަސް ކަމަކަށް ވާނެ އެވެ.

ނޭޓޯ ސިފައިން ޔުކްރޭން ސަރަހައްދަށް ދާން ޖެހުމުގައި ވެސް ސަބަބުތަކެއް އެބަ ހުއްޓެވެ. ރަޝިއާއިން 2014 ގައި ކްރައިމިއާ އާށް އަރައިގަނެ ހިސޯރުކުރުން މާނަކޮށްދެނީ ޔުކްރޭނުގެ އެހެން ބައެއް ރަޝިއާ ޖަހައިގެންފާނެ ކަމަށެވެ.