މާލޭ ސިޓީ ކައުންސިލް

ފުޑްކޯޓު އަޅަން ސިޓީ ކައުންސިލުން ލޯނެއް ނަގަނީ

Jan 25, 2022

ދަރުބާރުގޭގެ އިރަށް އޮންނަ ބިމުގައި ސްޓްރީޓްފުޑް ކޮންސެޕްޓްގެ ފުޑްކޯޓުތަކެއް އެޅުމަށްޓަކައި ލޯނެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ލޯން ނެގުމަށް ފާސްވީ ވޯޓުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ ފުޑްކޯޓުތަކުގެ ސަބަބުން ވިޔަފާރިއެއް ކުރިއަށް ގެންދަން ބޭނުންވެފައި ތިބި ކަނބަލުންނަށާއި ޒުވާނުންނަށް ރަނގަޅު ފުުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ލޯން ނެގުމުގެ ހުއްދަ އަށް އެދި މިމަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާނެ އެވެ.

ސިޓީ ކައުންސިލްގެ ވިސްނުން ހުރީ ލޯން ނަގަން ހުއްދަ ލިބިއްޖެނަމަ ފެށޭ މަހުގެ ތެރޭގައި ލޯން ނެގުމަށް ބޭންކަށް ހުށަހެޅުމަށްފަހު އޭޕްރީލް މަހުގެ ތެރޭގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކާ ހަވާލުކުރުމަށެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލުން ބޭނުންވާ ގޮތަށް މަޝްރޫއުގެ މަސައްކަތް ކުރިއަށްދާނަމަ އެންމެ ލަސްވެގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުޑްކޯޓުތައް ހުޅުވާ، ހިދުމަތް ދެވޭނެ ކަމަށެވެ.

މާލޭގައި ސްޓްރީޓްފުޑް ކޮންސެޕްޓްގެ ފުޑްކޯޓުތަކެއް އެޅުމަކީ މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ކަމެކެވެ.

މި މަޝްރޫއުގެ ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު އިއުލާން ކުރެއްވީ މާލެ ސިޓީ ކައުންސިލުން ހެންވޭރު އަވަށަށް ނިސްބަތްވާ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.