ކުރިއަށް އޮތް ރޯދަ މަހު މިފްކޯގެ އާ އުފެއްދުމެއް ބާޒާރަށް ނެރޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ މިފްކޯގެ ރެޑީ ޓު އީޓު އުފެއްދުންތައް ތައްޔާރުކުރާ ފެސިލިޓީތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.
މިފްކޯގެ އުފެއްދުންތައް އިތުރުކޮށް އާ އުފެއްދުންތައް ބާޒާރަށް ނެރެނީ ކަސްޓަމަރުން ބޭނުންވާ ގޮތް ބެލުމަށްފަހު ކަމަށް ފާހަގަކުރައްވަމުން ފައުޒީ ވިދާޅުވީ މިއަހަރުގެ ރޯދަ މަހަށް ވެސް އާ އުފެއްދުމެއް ބާޒާރަށް ނެރެން އެކުންފުނިން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
މިފްކޯގެ ރެޑީ ޓު އީޓު އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ އަށް ބާވަތެއްގެ އުފެއްދުން މިފްކޯ އިން ބާޒާރަށް ނެރެ ވިއްކަމުންދެ އެވެ.
ފައުޒީ ވިދާޅުވީ މިފްކޯގެ އުފެއްދުންތަކަށް ޔޫރަޕްގައި ބޮޑު ޑިމާންޑެއް އޮތުމުން އެ ކުންފުނީގެ އުފެއްދުންތަކުގެ ކޮލިޓީ ހިފެހެއްޓުމަކީ އަބަދުވެސް ވަރަށް ބޮޑަށް ބަލާ ކަމެއް ކަމަށެވެ.
މިފްކޯގެ ބަނދަރުތަކާއި ބޯޓުތަކަށް މަސް ކިރުމުގެ އުސޫލު ހަރުދަނާ ކުރުމަށްޓަކައި އެ ކުންފުނިން ތައްޔާރުކުރަމުންދާ އެޕްލިކޭޝަން މިއަހަރުގެ މެދު ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމުގައިވެސް ފައުޒީ ވިދާޅުވި އެވެ. އެ އެޕްލިކޭޝަން ބޭނުންކޮށްގެން މިފްކޯއާ މުއާމަލާތުކުރުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިފްކޯ އިން ގެންދަނީ މަސްވެރިން ބާނާ ވީހާވެސް ގިނަ މަސް އެ ކުންފުންޏަށް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މިފްކޯގެ ކޯލްޑް ސްޓޯރޭޖު ތަކުގެ ކެޕޭސިޓީ އިތުރުކުރުމަށްވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.