ފެމިލީ ކޯޓް

މިދިޔަ އަހަރު 2،399 ކައިވެނި، 1،192 ވަރި

Jan 25, 2022
2

ފެމިލީ ކޯޓުން މިދިޔަ އަހަރު ކޮށްދިން ކައިވެނީގެ އަދަދުގެ ދެބައިކުޅު އެއްބަޔާ ގާތްކުރާ އަދަދަކަށް މިދިޔަ އަހަރު ވަރިވެސް ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 2،399 ކައިވެންޏެއް މިދިޔަ އަހަރު އެކޯޓުން ކޮށްދީފައިވެ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު 1،192 ވަރި ރަޖިސްޓްރީ ކޮށްފައިވެ އެވެ.

އެހެންކަމުން މިދިޔަ އަހަރު ދުވާލަކު ނިސްބަތުން ހަ ކައިވެނިކޮށްދީފައިވާއިރު ދުވާލަކު ނިސްބަތުން ތިން ވަރި ރަޖިސްޓްރީކޮށްދީފައިވެ އެވެ.

ރާއްޖެއިން ބޭރުގައި ކައިވެނިކުރުމަށްފަހު މިދިޔަ އަހަރު 87 ކައިވެނި ރަޖިސްޓްރީ ކުރަން ވެސް ހުށަހަޅާފައިވެ އެވެ. ރާއްޖެއިން ބޭރުގައި ކައިވެނިކުރުމަށްފަހު ފެމިލީ ކޯޓުގައި ރަޖިސްޓްރީ ކުރުމަށް 2020 ވަނަ އަހަރު ހުށަހެޅި ކައިވެނިތަކާ އެކު އެފަދަ 92 ކައިވެނި މިދިޔަ އަހަރު ރަޖިސްޓްރީކޮށްދީފައިވެ އެވެ.

ދަރިންގެ ހަރަދު ނަގައިދިނުމުގެ މައްސަލަތަކުގައި މިދިޔަ އަހަރު 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދީފައިވެ އެވެ. އަދި އިއްދައިގެ ހަރަދުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ފެމިލީ ކޯޓުން ނަގައިދީފައިވެ އެވެ.

ފެމިލީ ކޯޓަށް މިދިޔަ އަހަރު ހުށަހެޅި 2،400 މައްސަލައާއި އެކު 2020 ވަނަ އަހަރު ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް ފެމިލީ ކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ 2،615 މައްސަލަ އެވެ.

ރާއްޖޭގައި ދަރިންނަށް ހަރަދު ނުދޭ މައްސަލައާއި އާއިލާތައް ރޫޅޭ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެފަދަ މައްސަލަތައް ހައްލުކުރެވޭނީ އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކެއް ހައްލުކޮށްގެން ކަމަށް ކަމުގެ ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެ އެވެ.