އިލެކްޝަންސް ކޮމިޝަން

ކޮމަންޑޫ ބައި-އިލެކްޝަން؛ ވޯޓު ފޮށިތަކުގެ ތަފްސީލު އާންމުކޮށްފި

Jan 25, 2022

އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެެކްޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓް ފޮށިތަކުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ވޯޓުފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އަދަދުތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ދާއިރާގެ ރައްޔިތުންގެ ތެރެއިން މާލެއަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އަދަދަށް ބަލައި އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލެސިޓީގައި އިތުރު ވޯޓުފޮށްޓެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

މި އިންތިހާބުގައި ޖުމްލަ ހަތް ވޯޓް ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ފޯކައިދޫގައި ދެ ވޯޓް ފޮށި މަރޮށީގައި ވޯޓް ފޮއްޓެއް އަދި ކޮމަންޑޫގައި ދެ ވޯޓް ފޮށި ބަހައްޓައެވެ. މާލޭގައިވެސް ދެ ވޯޓް ފޮށި ބަހައްޓާނެ ކަމަށް ކޮމިޝަނުން ބުންޏެވެ. އެ ދެ ވޯޓްފޮށިވެސް ހުންނާނީ އިސްކަންދަރު ސުކޫލުގައެވެ.