ދުނިޔެ

ގަތަރުގެ އަމީރު ބައިޑަންއާ ބައްދަލު ކުރައްވަނީީ

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްސާނީ އެމެރިކާއަށް ވަޑައިގަންނަވަނީ އެވެ. ޚަބަރުތައް ބުނާ ގޮތުން އަންނަ ހޯމަ ދުވަހު އަމީރު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރައްވާނެ އެވެ.

ޝެއިޚް ތަމީމްގެ މި ދަތުރުފުޅަކީ ކުރިއާލައި ރޭވިގެން ކުރައްވާ ދަތުރުފުޅެކެވެ. ދެ ބޭފުޅުންގެ ބައްދަލުވުމަށް މައުލޫތަކެއް ވެސް ހުރީ އެޖެންޑާ ކުރެވިފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ޖޯ ބައިޑަން ގަތަރުގެ އަމީރަށް ޝުކުރު ދަންނަވާނެ އެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގައި ގަތަރުން ކޮށްދިން މަސައްކަތްތަކަށް ކޮންމެވެސް ކަހަލަ ބަދަލެއް ދެއްވާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

ދެ ލީޑަރުންގެ މަޝްވަރާއަށް ހުރި މައުލޫތަކުގެ ތެރޭގައި މެދުއިރުމަތީގެ ހާލަތު މިހާރު އޮތް ގޮތް ހިމެނެ އެވެ. ސަރަހައްދީ ރައްކާތެރިކަމާއި ސާފު ހަކަތައަށް ހިޖުރަ ކުރުން އަދި އަފްޣާނިސްތާންގައި ނުނިމި ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ.

ދުނިޔެ ތެލަށްޖެހިފައި އޮތް އޮތުމާ ބެހޭ ގޮތުން އަދި ޚާއްސަކޮށް އެމެރިކާގެ ތެލުގެ ރިޒާވް ދެމެހެއްޓުމަށް ބައިޑަން ފިކުރީ ގޮތުން ކުޅުއްވާނެ ކަމަށް ބުނެވެ އެވެ.

ސަރަހައްދުގައި ގަތަަރަށް އޮތް ރައްކާތެރި ކަމާއި ޔަމަނުގައި ވަކި ސަރުކާރެއް ގާއިމު ކުރަން ހަނގުރާމަކުރާ ހޫތީންގެ ފަރާތުން ސަރަހައްދަށް ކުރިމަތިވެފައި އޮތް ނުރައްކާތެރިކަމާ ބެހޭ ގޮތުން ބައިޑަން މަޝްވަރާ ކުރައްވާނެ އެވެ.

އެމެރިކާ އާއި ގަތަރާ ދެމެދު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަން މަޝްވަރާކުރެވޭނެ ކަމަށް ޚަބަރުގައް ބުނެ އެވެ. އެމެރިކާގެ ކުންފުނިތަކަށް މަންފާކުރާނެ މުއާމަލާތްތަކުގައި އެމެރިކާ މިވަގުތު މަސްއޫލުވާނެ ކަމަށް ވެސް ބުނެވެ އެވެ.

ގަތަރު އެއާވޭސް އާއި އެއާބަސްއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން އެމެރިކާއަށް ފައިދާވާ ގޮތަށް ބަދަލު ކުރަން ބައިޑަން ވިސްނަވާނެ ކަމަށް ބުނެވެ އެވެ.

ގަތަރު އެއާވޭސްއަށް ބޭނުންވާ މަތިންދާބޯޓު ހޯދަން އެއާބަސްއަށް ކުރިން ކުރި އިތުބާރު ދޫކޮށްލާ ހިސާބުގައި އޮތްއިރު، އެއީ އެމެރިކާގެ ބޮއިން ކުންފުންޏަށް އޮތް ފުރުސަތަކަށް ހައްދަވަން ބައިޑަން މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެ އެވެ.

މިއަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕަށް މީހުން އުފުލަން ބޭނުންވާ މަތިންދާބޯޓު ހޯދުމުގައި އެއާބަސްގެ ފަރާތުން އެހީތެރިކަން ނުލިބިއްޖެ ނަމަ އެ ފުރުސަތު ބޮއިންއަށް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެވެ އެވެ.