މާލޭ ސިޓީ ކައުންސިލް

ގުޅިފަޅުގެ މައްސަލަ ކޯޓަށް ހުށަހަޅަން ސިޓީ ކައުންސިލުން ނިންމައިފި

ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން ހާއްސަ ކުރާ ރަށަކަށް ހެދުމުގެ ގޮތުން ގުޅިފަޅުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދު ބައްދަލުވުމުގައި ގުޅިފަޅުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.

ޝުޖާއުގެ ހުށަހެޅުއްވުމާ މެދު ކައުންސިލަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުގައި އިންނެވި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުޅުވާލެއްވުމުން މައްސަލަ ކޯޓަށް ހުށަހެޅުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 12 ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް އެެއްވެސް ކައުންސިލަރަކު ވޯޓު ނުދެއްވި ނަމަވެސް ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު ކައުންސިލަރަކު ތިއްބެވި އެވެ.

ޝުޖާއު މިއަދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގާބިލްކަން ނެތް ނަމަވެސް މިހާރު މިއޮތް މާލެ ސިޓީ ކައުންސިލްގައި އެ ގާބިލްކަން އެބަހުރި ކަމަށެވެ. މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ނުފެށިގެން އުޅެނީ ރައީސް އޮފީހާއި ޕްލޭނިން މިނިސްޓްރީން ދޭން ޖެހޭ ހުއްދަތަކަކާއި ސަރުކާރުގެ ބައެއް އިދާރާތަކުން ދޭން ޖެހޭ އެއްބާރުލުން ނުދީގެން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެ ހުއްދަތައް ދޭއިރަށް އަޅުގަނޑުމެންގެ ސްޓްރެޓެޖީގައި އެވާ 2،500 ފްލެޓް އަޅުގަނޑުމެންގެ ފަސް އަހަރު ތެރޭގައި އަޅާ ނިިންމާނަން. އަޅުގަނޑުމެން އެކަން ކުރަން ފައިސާ ހޯދާނެ ގޮތް ވެސް ރައީސް ސޯލިހަށް އެނގިވަޑައިނުގަތަސް އަޅުގަނޑުމެންނަށް އެނގޭ،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް އެންމެ ބޮޑު ހައްލެއް ގެނެވޭނީ ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހާއްސަ ރަށަކަށް ހަދައިގެން ކަމަށެވެ. އެގޮތަށް އެކަން ކޮށްދިނުމަށް ސަރުކާރުގައި ތަކުރާރުކޮށް ދަންނަވައި އަދި ކަމާ ގުޅޭ ފަރާތްތަކާ ތަކުރާރުކޮށް މަޝްވަރާކޮށްގެން ވެސް ހައްލެއް ނުލިބުނު ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މައްސަލަ ހައްލުކުރަން ދެން އޮތް ގޮތަކީ ކޯޓަށް ދިއުން ކަމަށްވާތީ ގުޅިފަޅު މައްސަލަ ކޯޓަށް ހުށަހެޅުމަށް އޭނާ ހުށަހެޅުއްވި އެވެ.

މީގެއިތުރުން މާލޭގެ ރައްޔިތުންގެ ތެރެއިން ކުދި ބިންކޮޅު ދޫކޮށްލާ ރައްޔިތުންނަށް ހުޅުމާލެ އިން ގޯތި ދޫކުރުމަކީ މިސަރުކާރުން ބޭނުންވާ ގޮތެއް ކަމަށް ސަރުކާރުން ބުނާތީވެ އެގޮތަށް އަމަލުކުރަން ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް ވެސް ޝުޖާއު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ވެސް ކައުންސިލުން މިއަދު ފާސްކޮށްފައިވެ އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކުން އެ ރަށްތަކުގެ ރައްޔިތުންނަށް ގޯތި ލިބޭ އުސޫލުން މާލޭގެ ރައްޔިތުންނަށް ވެސް އެ ރައްޔިތުން އެންމެ ބޭނުންވާ ބިން ލިބެންޖެހޭނެ ކަމަށެވެ. މާލޭގައި ސިޓީ ކައުންސިލުން މާލޭގައި އަޅަން ނިންމާފައިވާ 2،000 ފްލެޓާއި ވިލިމާލޭގައި އަޅަން ނިންމާފައިވާ 500 ފްލެޓް އަޅަން ކައުންސިލުން ބޭނުންވިޔަސް އެކަން ނުވެގެން އުޅެނީ ސަރުކާރުގެ ސަބަބުން ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ގުޅިފަޅުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ކައުންސިލަރުންގެ އަގުލަބިއްޔަތުން ފާސްވުމުން އެކަމާ ގުޅޭ އިދާރީ ކަންކަން ކައުންސިލްގެ ގާނޫނީ ޓީމުގެ ލަފައާއި އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުމަށް އެ މަސައްކަތް ހަވާލުކުރެއްވީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އަށެވެ.

މިއަދުގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާ އެކު ވަރަށް ގިނަ ގޮތް ގޮތަށް މަޝްވަރާ ކުރެވިއްޖެ ކަމަށާއި ނަމަވެސް އެދެވޭ އެއްބާރުލުމެއް ދީފައި ނުވާ ކަމަށެވެ. މާލޭގެ ރައްޔިތުންނާ ގުޅިފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސިޓީ ކައުންސިލަށް ފެށޭނީ އެކަމަށް ހާއްސަކޮށްގެން ހަދަން ނިންމާފައިވާ ކުންފުނި ރަޖިސްޓްރީކޮށްދީގެން ކަމަށްވެސް ވިދާޅުވި އެވެ. ކުންފުނި ރަޖިސްޓްރީ ކުރަން ހުށަހެޅިތާ ތިންމަސް ވެގެން ދިޔައިރު ވެސް އެކަން ނުކޮށްދިން ކަމަށާއި އަދި ލޭންޑް ޔޫޒް ޕްލޭން ވެސް ފާސްކޮށްދީފައި ނުވާ ކަމަށެވެ.

"އެކަންކަން ހުށަހެޅީ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އެކަން ކުރަންޖެހޭ ގޮތަށް. ދެން ސަރުކާރުގެ ތެރެއިން ހުއްދަ ނުދީ ހިފަހައްޓަންޖެހޭ ސަބަބެއް ނުވިސްނޭ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ނިންމާފައިވަނީ މާލޭގައި އޮތް ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކޮށް އެތަނުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޕޯޓެއް ހެދުމަށްފަހު ގުޅިފަޅުން 600 އަކަފޫޓުގެ 1200 ގޯތި ދޫކުރުމަށެވެ. ނަމަވެސް މުއިއްޒު ގެންދަވަނީ ކައުންސިލް އިންތިހާބުގެ ދުވަސްވަރުން ފެށިގެން ގުޅިފަޅު ބޯހިޔާވަހިކަމަށް ހާއްސަ ރަށަކަށް ހަދައިދިނުމަށް ސަރުކާރަށް އިލްތިމާސް ކުރައްވަމުންނެވެ. ބަނދަރުގެ މަޝްރޫއަކީ ސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއަކަށް ވާތީ ބަނދަރު ގުޅިފަޅުގައި ހަދައިގެން ވެސް އެ ރަށުގައި މާލޭ ރައްޔިތުންނަށް ގޯތި ދެވޭނެ އިތުރު ހުށަހެޅުންތަކެއް ވެސް މުއިއްޒު ފަހުން ވަނީ ސަރުކާރަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ ހުށަހެޅުންތަކަށް ވެސް ސަރުކާރުން އަދި އެއްބަސްވެފައެއް ނުވެ އެެވެ.

ގުޅީފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2010 ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ހިއްކައިގެން މީހުން ދިރުއުޅުމަށް ތަރައްގީ ކުރި ރަށެކެވެ. އެކަމަކު ޖީޑީޕީން އެ ރަށް ތަރައްގީކުރުން ލަސްކުރަމުންދާ ކަމަށް ބުނެ ޖީޑީޕީގެ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް ގުޅީފަޅު އިންވެސްޓްމަންޓް އުފައްދާ ފެބްރުއަރީ 6، 2016 ގައި އެކުންފުންޏަށް ގުޅިފަޅު ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެެވެ. ރައީސް ޔާމީންގެ ސަރުކާރުން ނިންމީ ލައިޓް އިންޑަސްޓްރީތަކެއް އެ ރަށުގައި ތަރައްގީ ކުރުމަށެވެ. އެހެންކަމުން މީހުން ދިރިއުޅެން ގުޅިފަޅުގައި ހަދާފައި ހުރި ހައުސިން ޔުނިޓްތަކަށް ބައެއް މީހުން ފައިސާ ދައްކާފައި ވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެ ފްލެޓްތައް ސަރުކާރަށް ނަގާފަ އެވެ. އެކަމަކު ފްލެޓްތަކަށް ބަދަލު ދިނީ މިސަރުކާރުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ކަނޑައެޅުއްވިއިރު ގުޅިފަޅަކީ މާލޭގެ އިހްތިސާސްގައި ހިމެނޭ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައެއް ނުވެ އެވެ. މާލޭ ރައްޔިތުންގެ ހައްގުގައި ގުޅިފަޅުގެ މައްސަލައިގައި ގޮތްތަކެއް ނިންމަން މާލެ ސިޓީ ކައުންސިލަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަނީ އެ ރަށުގެ އިހްތިސާސް ކައުންސިލަށް ނެތުމުން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެެ.