ޑިމޮކްރަސީގައި އިންޑިއާއިން ހޯދާފައިވާ ކާމިޔާބީއަކީ އެހެން ގައުމުތަކަށް ނަމޫނާއެއް ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖުލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ 73 ވަނަ ޖުމުހޫރީ ދުވަހާ ގުޅުވައި ދެއްވި ހާއްސަ މެސެޖެއްގަ އެވެ.
ޝާހިދު ވިދާޅުވީ 73 އަހަރުގެ މުއްދަތުގެ ތެރޭގައި އިންޑިއާއިން ވަނީ އެ ގައުމުގެ ބިލިއަނަކަށް ވުރެ ގިނަ ރައްޔިތުންނަށް އެ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްފަހު ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީ ގާއިމްކޮށްފައި ކަމަށެވެ.
އިންޑިއާއިން ޑިމޮކްރަސީގައި ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެހެން ގައުމުތަކުން އިންޑިއާގެ އެ ދަތުރުން ޑިމޮކްރަސީ ކުރިއެރުވުމަށް ނާމޫނާ ހާސިލް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭ އާއި އިންޑިއާގެ ގުޅުމަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ އެ ގުޅުމަކީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވަމުންދާ ކަމަށެވެ. އިންޑިއާއިން އެކި ހާލަތްތަކުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ދެ ގައުމުގެ ގުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޒައާމަތުގައި އިތުރަށް ވަރުގަދަވެފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
އިންޑިއާއިން ގެންގުޅޭ ނޭބަހުޑް ފަސްޓް ޕޮލިސީއަށް ރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމަށާއި އެ ޕޮލިސީ އަކީ ދެ ގައުމަށް ވެސް ފައިދާ ކުރާނެ ޕޮލިސީއެއް ކަމަށެވެ.
ޝާހިދުގެ މެސެޖް ނިންމާލައްވަމުން އެމަނިކުފާނު ވަނީ އިންޑިއާގެ 73 ވަނަ ޖުމުހޫރީ ދުވަހުގެ ތަހުނިޔާ އިންޑިއާގެ އިސްވެރިންނަށާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ހިންދީ ބަހުން ދަންނަވާފަ އެވެ.
ޝާހިދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އިންޑިއާގެ 73 ވަނަ ޖުމުހޫރީ ދުވަހުގެ ތަހުނިޔާ ދަންނަވާފަ އެވެ. އެމަނިކުފާނު ވެސް ވިދާޅުވީ އިންޑިއާގެ ޑިމޮކްރަސީން އެހެން ގައުމުތަކުން ނަމޫނާ ހާސިލް ކުރަން ޖެހޭ ކަމަށެވެ.