ހަބަރު

ތުރާކުނު ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކޮށްފި

ހއ. ތުރާކުނުގެ ފެނާއި ނަރުދަމާގެ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލިފުޅު ތުއްތު ފައުންޑޭޝަން އިން 39 މިލިއަން ރިފުޔާގެ ހިލޭ އެހީގެ ދަށުން ތުރާކުނުގައި ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމް ރަސްމީކޮށް އިފްތިތާހުކުރީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

އިއްޔެ ބޭއްވި އެ ހަފްލާގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ތުރާކުނުގައި ގާއިމް ކުރި ފެނާއި ނަރުދަމާގެ ނިޒާމަކީ އަކީ އަލިފުޅު ތުއްތު ފައުންޑޭޝަން އިން ހިލޭ އެހީގައި އެ ރަށުގައި ހިންގި ފުރަތަމަ މަޝްރޫއު ކަމަށާއި އަދި އެ ޖަމިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކީ އެހެން ޖަމާއަތް ތަކުން ނަމޫނާ އަކަށް ބަލަން ޖެހޭ ކަމަށެވެ.

"ގައުމު ތަރައްގީ ކުރުމުގައި ވިޔަފާރިވެރިންނާއި މުއްސަނދީންގެ ދައުރު ވަރަށް ބޮޑު. ރާއްޖޭގެ އިޖުތިމާއީ ތަރައްގީގައި މުއްސަނދި ކުންފުނިތަކާއި ތަނަވަސްކަމުގެ އަހުލުވެރިން، އަލިފުޅު ތުއްތު ފައުންޑޭޝަން ނަމޫނާއަކަށް ބަލަންޖެހޭ." ތޯރިގު ވިދާޅުވި އެވެ.

އާބާދީގައި 686 މީހުން ދިރި އުޅޭ ތުރާކުނުގައި މި މަޝްރޫއު ޑިޒައިންކުރުމާއި ޑިޒައިނާ އެއްގޮތަށް ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މި ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން ނުވަ ވަނަ ދުވަހު އެވެ.