ކެއާ ސޮސައިޓީ

ކެއާ ސޮސައިޓީގެ ބޯޑަށް ޝަފާއު

Jan 26, 2022
1

ހާއްސަ އެހީއަށް ބޭނުންވާ މީހުނާއި ކުދީންނަށް އެހީތެރިވާ ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑް (އެކްސްކޯ) އަށް އެ ބޯޑުން މެންބަރަކު އައްޔަން ކޮށްފި އެވެ.

ހަތް މެންބަރުން ހިމެނޭ އެކްސްކޯއަށް އަލަށް އައްޔަން ކުރަން ފާސްކޮށް އައްޔަން ކުރީ މުހައްމަދު ޝަފާއު ހަސަނެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމީ އަދި އެހެނިހެން ރިހިބިލިޓޭޝަން ހުނަރުތައް ދަސްކޮށްދިނުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ކެއާ ސޮސައިޓީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ސޮސައިޓީގެ އެކްސްކޯގައި މިހާރު ޝަފާއު (ފޮޓޯގައި) ހިމެނި ވަޑައިގަންނަވާ ކަމަށާއި ޝަފާއު އެގްޒެކެޓިވް މެންބަރުކަން ގަބޫ ކުރައްވާފައިވާ ކަމަށެވެ.

އޭނާއަކީ މިހާރު ވެސް ރީޖަނަލް އެއާޕޯޓްސްގެ ބޯޑުގެ މެންބަރެއްގެ އިތުރުން މޯލްޑިވްސް މިޑިއާ ކައުންސިލްގެ ވެސް މެންބަރެކެވެ. ކެއާ ސޮސައިޓީގެ ބޯޑުގެ ދެ އަހަރު ދުވަހުގެ ދައުރަކަށް ޝަފާއު އައްޔަން ކުރި އިރު މީގެ ކުރިން އޭނާ ވަނީ އެ ސޮސައިޓީއަށް އެހީވެސް ވެދީފަ އެވެ.

ބައެއް އެހެން އެންޖީއޯތަކާ ހިލާފަށް ކެއާ ސޮސައިޓީއަކީ ހުރިހާ ބާވަތެއްގެ ނުކުޅެދުންތެރިކަމަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެތަނުން ހިދުމަތްދޭތާ މިހާރު 24 އަހަރުވެފައި ވެއެވެ.