ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީ ކެންސަރަށް ހޭލުންތެރިކުރަން

Oct 16, 2022

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ 'ޕިންކް ރިބަން ރަން-ވޯކް' އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

'ޕިންކް ރިބަން ރަން-ވޯކް' މިއަދު ހުޅުމާލޭގެ އިތުރުން 33 ރަށެއްގައި ކުރިއަށް ގެންގޮސްފައިވެ އެެވެ.

ސީއެސްއެމް އިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ވަނީ އެ ޖަމިއްޔާއަށް 150،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން ބޭންކުން ވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ފ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސްކްރީނިން ޕްރޮގްރާމަށްވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިއެއްބަސްވުމުގެ ސަބަބުން ސީއެސްއެމް އިން ވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ހިލޭ ކެންސާ ސްކްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ 2016 ވަނަ އަހަރުން ފެށިގެން ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.