މާލޭ ސިޓީ ކައުންސިލް

މާލެ އަކީ "ކެއަރިން" ސިޓީ އަކަށް ހެދުމަށް އެދިވަޑައިގެންފި

Oct 5, 2022

މާލެ ސިޓީ އަކީ އެކަކު އަނެކަކަށް އަޅާލައި "ކެއަރިން" ސިޓީ އަކަށް ހެދުމަށް މާލޭގެ މޭޔަރު ޑރ މުހައްމަދު މުޢިއްޒު އެދިވަޑައިގެންފި އެވެ.

މުއިއްޒު މިކަމަށް އެދިވަޑައިގެންފައި މިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމަކަށް ކުރެއްވި ޓްވީޓެއްގަ އެވެ.

މުއިއްޒު ވިދާޅުވީ މާލެ ސިޓީ އަކީ ހުރިހާ އެންމެންނަށްވެސް ދިރިއުޅެން ފަހި ދިރިއުޅެން މަރުހަބާ ކިޔައި ސިޓީއަކަށް ހެދުމަކީ އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ހާސިލްކުރެވޭނެ ކަމެއް ކަމަށެވެ.

"އެކަކު އަނެކަކަށް އަޅާލައި އެހީތެރިކަންދޭ 'ކެއާރިން ސޮސައިޓީ' އަކަށް މާލެ ސިޓީ ހަދަން މަސައްކަތް ކުރަމާތޯ،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކައުންސިލުން ކޮށްދެވޭނެ ކަންކަމާ މެދު މަޝްވަރާކުރައްވާ އެފަދަ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ބައެއް ކައުންސިލަރުންނާއި ކެއާ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރު އަހްމަދު އާތިފް އާއި ޕްރޮޖެކްޓް ކޯޑިނޭޓަރު މަރިޔަމް އަފްރާހު މޫސާގެ އިތުރުން ޕްރޮގްރާމް ޕްރޮޖެކްޓް ކޯޑިނޭޓަރު ހައިފާ ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.