ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވާ ޖަމިއްޔާ، ކެއާ ސޮސައިޓީއިން ޕޭރެންޓް ސަޕޯޓް ގްރޫޕެއް އިފްތިތާހުކޮށްފި އެވެ.
ކެއާ ސޮއިޓީއިން ޕޭރެންޓް ސަޕޯޓް ގްރޫޕެއް އިފްތިތާހުކޮށްފައި ވަނީ ރޭ ބޭއްވި އެ ޖަމިއްޔާގެ އަހަރީ ޖަލްސާގަ އެވެ. މިއީ އެތަނުގެ ބެލެނިވެރިން އަމިއްލައަށް އިސްނަގައިގެން އުފެއްދި ގްރޫޕެކެވެ.
އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވި ގޮތުގައި ޕޭރެންޓް ސަޕޯޓް ގްރޫޕެއް އުފެއްދީ މުހިންމު މަގްސަދުތަކެއް ހާސިލް ކުރުމަށެވެ. އެއީ ބެލެނިވެރިންގެ މެދުގައި ގުޅުން ބަދަހި ކުރުމާއި އެއް ބެލެނިވެރިޔަކު އަނެއް ބެލެނިވެރިޔަކަށް އެހީތެރިވެދިނުމަށެވެ. އެކަކަށް ކުދިން ބެލުމުގައި އެނގޭ އުކުޅުތައް އަނެއްކަކަށް ހިއްސާކޮށް ވާހަކަދެކެވޭ މާހަލައުލެއް ގާއިމްކުރުމަށެވެ.
އަދި ފަންނީ ބޭފުޅުންނާ އެކީ ނުރަސްމީކޮށް ބައްދަލުވުންތައް ބޭއްވުމާއި، ބެލެނިވެރިންނަށް ނަފްސާނީ ދުޅަހެޔޮ މާހައުލެއް ގާއިމްކޮށްދިނުމަށެވެ.
އާތިފް ވިދާޅުވި ގޮތުގައި ބައެއް ބެލެނިވެރިންނަށް ކަންކަން ނޭންގޭ ކަމަށާއި ނަފްސާނީ މައްސަލަތައް ވެސް ހުންނަ ކަމަށެވެ. މި ސަޕޯޓް ގްރޫޕަކީ ނުރަސްމީކޮށް ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަށް އިފްތުތާހު ކުރި ގްރޫޕެއް ކަމަށް ވެސް އާތިފް ވަނީ ވިދާޅުވެފަ އެވެ.
"އަބަދުވެސް ރަސްމީ ބައްދަލުވުންތަކެއް މިހުންނަނީ. ޕޭރެންޓް ސަޕޯޓް ގްރޫޕުން ނުރަސްމީ ބައްދަވުމުންތަކެއް ބާއްވާނީ. އޭރުން އެކަކު އަނެކަކާ ވާހަކަދައްކައި ނޭންގޭ ކަންކަން އޮޅުންފިލުވައި އަދި އެއްވެސް ނުތަނަވަސް ކަމެއް ވެސް ނޯންނާނެ. މިއީ ބެލެނިވެރިން އިސްނަގައިގެން މިގޮތަށް ސްޕޯޓް ގްރޫޕެއް އުފެއްދި ފުރަތަމަ ފަހަރު. ކުރިން ރަސްމީ ސިފައިގައި މިކަން ކޮށްފައި އެބަހުރި،" އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވި ގޮތުގައި ބެލެނިވެރިން އަމިއްލައަށް އިސް ނަގައިގެން ކުރިއަށް ގެންދިޔަ ނަމަވެސް ޖަމިއްޔާގެ ބޯޑުންނާއި މެނޭޖްމެންޓުން ބެލެނިވެރިންނަށް އެހީވާނެ އެވެ. އަދި ޖަމިއްޔާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އުނދަގޫ ކަންކަމާ ގުޅޭ ގޮތުން މަޝްވްރާ ކުރުމަށް ޕޭރެންޓް ސްޕޯޓް ގްރޫޕެއް އުފައްދަން ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ގްރޫޕުން އަހަރަކު މަދުވެގެން 10 ބައްދަލުވުން ބާއްވަން ޖެހެ އެވެ. އެ ބައްދަލުވުންތަކުގައި ހިންގާނެ ހަރަކާތްތާއި ބާއްވާނެ އިވެންޓްތައް ނިންމާނެ އެވެ.
ކެއާ ސޮސައިޓީގައި މިހާރު ނުކުޅެދުންތެރިކަން ހުންނަ 56 ކުދިން އުޅެ އެވެ. އޭގެ ތެރޭގައި ގިނައީ ސްކޫލްގައި ކިޔަވާ ދަރިވަރުންނެވެ. އެތަނުގައި ސްކޫލް ނިމިފައި ތިބި ކުދިންނާއި އަދި ވަރަށް ތުއްތު ކުދިން ވެސް އުޅެ އެވެ.