ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނަށް ކުރާ ދައުވާގެ އަޑެހުމެއް މާދަމާ

Jan 26, 2022
2

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.

މިއީ މި މައްސަލައިގެ ތިންވަނަ އަޑުއެހުމެވެ. މިމައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ހައްގުތައް ކަށަވަރުކުރުމުގެ ބައެވެ. އެކަމަކު ބައެއް ލިޔެކިޔުންތައް ރައީސް ޔާމީނަށް ލިބިވަޑައިގަތީ އެ ދުވަހު ކަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކޯޓުގައި ވިދާޅުވީ ލިޔުންތައް ބަލައި ދިރާސާކުރަން އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށެވެ.

އޭގެ ފަހުން މި މަހުގެ 13 ވަނަ ދުވަހު ވަނީ އިތުރު އަޑުއެހުމެއް ބާއްވާފައެވެ. ރައީސް ޔާމީންގެ ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ ރައީސް ޔާމީނާ ގުޅޭ ގޮތުން ކުރީގެ މައްސަލަތައް ވެސް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ލައިވްކޮށްގެން ކަމަށެވެ. އިންސާފުވެރި އަދި އަދުލުވެރި ޝަރީއަތެއް ކުރިއަށް ގެންދެވޭނީ ވީހާވެސް ބޮޑަށް ޝަރީއަތް ހުޅުވައިލުމުން ކަމަށެވެ.

އާ ރަށުގެ މައްސަލަ ކުރިއަށް ގެންދަނީ މި މައްސަލައިގައި ދެން ހިމެނޭ ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމާ ވެސް އެކީ އެވެ. އޭނާ ވަނީ މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އިންކާރު ކޮށްފަ އެވެ. އޭނާގެ ފަރާތުން ދިފާއީ ވަކީލް މުހައްމަދި ޝިފާޒް ވިދާޅުވެފައި ވަނީ ލައިވްކޮށްގެން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި، ލައިވް ކުރާނަމަ ޔޫސުފް ނައީމްގެ ބައި ވަކިން ކުރިއަށް ގެންދިއުމަށެވެ.

މިމައްސަލައިގެ ތަހުގީގު ނިންމާ ދައުވާކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިދިޔަ އޭޕްރީލް 30 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިދިޔަ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެހެންވެ އާރަށުގެ މައްސަލާގައި ޔޫސުފް ނައީމުގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވެ އެވެ. ޔޫސުފް ނައީމާ ގުޅޭ އަޑުއެހުން ވެސް މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މީގެކުރިން މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ގދ. ވޮޑެމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކުރުމުގެ ކުށުގަ އެވެ. އެ ދައުވާ ސާބިތުވެ ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެ މައްސަލާގައި ދަށު ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކުރީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ.