ލައިފްސްޓައިލް

70 މާކްސް ލިބޭ ޕޭޕަރަކުން 89 މާކްސް!

އިމްތިހާނަކުން ފުލް މާކްސް ލިބުމަކީ މި ޒަމާނުގައި ވަރަށް ނުވާ ވަރުގެ ކަމެކެވެ. ނަމަވެސް ޕޭޕަރުގައިވާ ފުލް މާކްސްއަށް ވުރެ ގިނައިން ލިބުނު ވާހަކަ އަޑު އެހިން ހެއްޔެވެ؟ އިންޑިއާގެ ބެންގަލޫރުގައި ދާދިފަހުން މިފަދަ ކަމެއް ވަނީ ހިނގާފަ އެވެ.

މިދިޔަ ހޯމަ ދުވަހު އިއުލާން ކުރި ބެންގަލޫރޫ ޔުނިވަސިޓީގެ ބީކޮމް އިމްތިހާނުގެ ނަތީޖާ ފެނިފައި ގިނަ ބަޔަކަށް ވަނީ ޝޮކް ލިބިފަ އެވެ. އެ އިމްތިހާނުގައި ބައިވެރި ބައެއް ކުދިންނަށް ފުލް މާކްސްއަށް ވުރެ މާ ގިނައިން ލިބިފައި ހުރީމަ އެވެ.

މި އަޖައިބެއް ކަހަލަ ނަތީޖާ ލިބިފައިވަނީ ބެންގަލޫރޫ ޔުނިވަސިޓީގައި ބީއޭ / ބީކޮމް ކިޔެވި ދަރިވަރުންގެ ތެރެއިން ޓޫރިޒަމްގެ މާއްދާއެއް ހެދި ދަރިވަރުންނަށެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި 70 މާކްސްގެ ޕޭޕަރަކުން އެއް ދަރިވަރަކަށް 73 މާކްސް ލިބިފައި ވެއެވެ. އެ ކުއްޖާ ބުނި ގޮތުގައި އޭނާއާއެކު ކިޔެވި ބައެއް އެކުވެރިންނަށް 89 މާކްސް އާއި 73 އަދި 75 މާސްކް ވެސް ލިބިފައި އެބަހުއްޓެވެ.

މިދިޔަ އަހަރުގެ އޮގަސްޓްމަހު އޮތް މި އިމްތިހާނުގައި 500 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވެއެވެ.

ޔުނިވަސިޓީން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި 2015-2016 ގައި ތައްޔާރުކޮށް ބޭނުން ކުރަން ފެށި ސިލަބަހަށާއި މާކިން ސްކީމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަސްލު އިމްތިހާނު ކަރުދާސް ދެނީ 100 މާކްސް ލިބޭ ގޮތަށް ކަމަށާއި ފަހުން ގެނެވުނު ބަދަލުތަކެއްގެ ސަބަބުން އޮޅުންތަކެއް އަރައި ޑިޖިޓަލް މާކްސް ހެދިއިރު މައްސަލަތަކެއް ދިމާވީ ކަމަށެވެ.

މިހާރު އެ ޔުނިވަސިޓީން ވަނީ ހުރިހާ ކުދިންގެ މާކްސްތައް އަނބުރާ ނަގާފަ އެވެ. އަދި އިސްލާހުކުރުމަށްފަހު އަލުން އިއުލާން ކުރާނެކަމަށް ބުނެފައި ވެއެވެ.