މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ކުޅުދުއްފުއްޓާއި ތިނަދޫ ޕޯޓް މަސައްްކަތް އެމްޓީސީސީއަށް

ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓު އާއި ގޑ. ތިނަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

އެމްޓީސީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އާއި ޗީފް އިންޖީނިއާ އާދަމް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ.

މީގެއިތުރުން، އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި ވޯކްޝޮޕް އިމާރާތެއް ގާއިމުކުރުމާއި އެންވަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ހިމެނެ އެވެ.

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއާހައުސް އަދި ވޯކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑާ ހަރުކުރުން ހިމެނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 495 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެއީ 138،980،244.28 ރުފިޔާގެ މަޝްރޫއެކެވެ. އަދި ތިނަދޫ ރީޖަނަލް ޕޯޓު މަސައްކަތް ހަވާލުކުރީ 330 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެއީ 17،864،369.16 ރުފިޔާގެ މަޝްރޫއެކެވެ.