ބަނދަރު ޕްރޮޖެކްޓް

ތިނަދޫގައި ސަރަހައްދީ ބަނދަރެއް ހަދަން ހަވާލުކޮށްފި

ގދ. ތިނަދޫގައި ސަރަހައްދީ ބަނދަރެއް ހެދުމުގެ މަސައްކަތް، އެމްޓީސީސީއަށް ހަވާލު ކޮށްފި އެވެ.

އެމްޕީއެލްގެ ފަރާތުން އެމްޓީސީސީއަށް އެ މަޝްރޫއު ހަވާލު ކުރި އިރު، ތިނަދޫ ބަނދަރު ގާއިމުކުރުމަށް އެ ރަށުން 10،8000 އަކަފޫޓުގެ ބިމެއް އެރަށު ކައުންސިލުން ވަނީ އެމްޕީއެލަށް ދީފައެވެ.

އިއްޔެ ހަވީރު، ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ.

ފަނަރަ މިލިއަން ރުފިޔާގެ އެ މަސައްކަތް އެމްޓީސީސީ އަށް ހަވާލު ކުރީ 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން އެރަށުގެ 4،500 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 3،000 އަކަމީޓަރުގެ ޕޭވްމެންޓް ޖެހުމުގެ އިތުރުން ސްޓޯމް ވޯޓާ ސިސްޓަމެއް ގާއިމުކުރުމާއި ޕޯޓް ސަރަހައްދުގައި ފެންސު ޖެހުންވެސް ހިމެނެއެވެ.