ގދ. ތިނަދޫ

ތިނަދޫ އިސްލާމީ މަރުކަޒު މަރާމާތުކުރަނީ

May 8, 2022
1

ގދ. ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތްތައް ފަށައިފި އެވެ.

ދެބުރިއަށް އިމާރާތްކޮށްފައިވާ ތިނަދޫ އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

މިމަސައްކަތުގެ ދަށުން މަރުކަޒުގެ ބައެއް ތަށިމުށި ބަދަލުކުރުމާއި، ބައެއް ކަރަންޓް ކޭބަލް އާކުރުމާއި، ފަންކާއާއި ލައިޓް ބަދަލުކޮށް އިތުރަށް އަލިކުރުމާއި، ބައެއް ތަންތަނުގައި ކުލަލުން ފަދަ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނާއި ސައުދިއަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒުގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ މި މަރުކަޒަކީ 1،000 މީހުންނަށް ނަަމާދުކުރެވޭ މިސްކިތެކެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ 500 މީހުންގެ ޖާގައިގެ ޖަލްސާ ކުރާ މާލަމަކާއި ލައިބްރަރީއަކާއި އޮފީސް ބަޔަކާއި އަދި ހަތަރު ކުލާސް ރޫމްވެސް ހިމެނޭ ތަނެކެވެ.

ޖުމްލަ 34 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ތިނަދޫ އިސްލާމީ މަރުކަޒަކީ މާލޭގައި ހުންނަ އިސްލާމީ މަރުކަޒު އަސްލަކަށް ބަލައިގެން ހަދާފައިވާ ބިނާ އެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކޮށްފައިވާ ތިނަދޫ އިސްލާމީ މަރުކަޒަކީ މާލެ ފިޔަވައި އަތޮޅު ތެރޭގެ ރަށެއްގައި ބިނާ ކުރި ފުރަތަމަ މިފަދަ މަރުކަޒެވެ.