މިދިޔަ އަހަރު މުޖުތަމައަށް ފައިދާހުރި ނުވެ ގިނަ ދުވަސްވެފައި ހުރި ގިނަ ކަންކަމުގައި ބީއެމްއެލް އިން އެހީވި އެވެ. މި އެހީއާއެކު އެ ކުންފުނިން މިވަނީ މިދިޔަ އަހަރު މާލީ ގޮތުން ރެކޯޑު ނަތީޖާއެއް ވެސް ހޯދާފަ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.7 ބިލިއަށް ރުފިޔާ ލިބިފަ އެވެ. މިއީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކޮށްފައިވާ ނޭދެވޭ އަސަރާއެކު ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ހޯދައި، އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުން އަންދާޒާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދައި އަދި ދައްކަންޖެހި ނުދައްދާ އޮތް ލޯނަކަށް ތިންވަނަ ކުއާޓަރުގައި އެއް ފަހަރާ ލިބުނު ފައިސާ ހިމެނޭހެން ހޯދުނު ނަތީޖާ އެވެ.
މި ނަތީޖާ އާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔަ ވިދާޅުވީ މި ނިމިގެންދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު މިއީ ބޭންކުގެ ތާރީހުގައި މިހާތަނަށް އެެންމެ ބޮޑު ކާމިޔާބެއް ހޯދުނު އަހަރެއް ކަމަށެވެ.
" ކޮވިޑްގެ ހާލާތާ ގުޅިގެން ހިންގުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވިކަމުގައި ވީނަމަވެސް، 2021 ވަނަ އަހަރު ވިޔަފާރިން ހަރުދަނާ ނަތީޖާއެއް ހޯދިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އަޅުގަނޑުމެންގެ ޓީމުތަކުން ވަރުބަލިކަމެއްނެތި ކުރި ބުރަމަސައްކަތުން،" ޓިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދޫކުރާ ލޯނުގެ ނިސްބަތްވަނީ އިރުތުވެފަ. އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ރަނގަޅުވެ 2.5 ޕަސެންޓުގައި ހިފެހެއްޓިފައި. މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 3.3 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދަކަށް އައު ލޯނު ދޫކޮށްފައިވޭ."
އޭނާ ވިދާޅުވީ މި ނަތީޖާ އާއެކު ހަރުދަނާކަމާއެކީ ދެމެހެއްޓެނެވި ގޮތެއްގައި ބޭންކުން ކަނޑައަޅާފައިވާ ސްޓްރެޓެޖީ ހާސިލްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށާ ހާއްސާ އޮންނަ ފަރާތްތަކުން އުއްމީދުކުރާ ފަދަ ކުރިއެރުމެއް ބޭންކަށް ހޯދައިދިނުމަށްވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ހޯދުނު ނަތީޖާއާއެކު ސީދާ ގޮތުން އެންމެ ބޮޑު މަންފާއެއް ލިބިގެންދާނީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް. މި ގޮތުން ދިވެިރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމަށް ވަރަށް ރަނގަޅު އަދަދެއް ސަރުކާރަށް ލިބިގެންދާނެ،" ޓިމް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 5.3 ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ.
ބީއެމްއެލްގެ އުސް އަލިތައް
- ޖުމްލަ ފައިދާ 1.7 ބިލިއަން
- ބޭންކް އެސެޓް 7.6 ބިލިއަނުން މަތި
- ކަސްޓަމަރުންގެ ޑިޕޮސިޓް 5.3 ބިލިއަން
މި އަހަރުގެ ނޮވެމްބަރުގައި ބޭންކް އަށް 40 އަހަރު ފުރޭއިރު، ބީއެމްއެލް އިން ވަނީ ކޮންމެ މަހަކު މުހިންމު ބޮޑު ހަރަކާތެއް ހިންގަން ނިންމާފަ އެވެ. މިއީ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގު ވަޒަން ކުރުމުގެ ގޮތުން ހިންގޭ މުހިންމު ހަރަކާތްތަކެކެވެ. މިގޮތުން މިހާތަނަށް ވަނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑު، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނެއުމަށް އެހީވުމުގެ ޕްރޮގްރާމްގެ އިތުުރުން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ފަންޑު އިފްތިތާހްކޮށްފަ އެވެ.