ކްރިމިނަލް ކޯޓް

އާރަށު މައްސަލާގައި ޔާމީނަށް ހުކުމް ކުރުން ނޮވެމްބަރަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލައިފައިވާ ދެ ދައުވާގެ އަޑުއެހުންތައް ނިންމާލުމަށް ފަހު ހުކުމް ކުރުން މި އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގެ ތިން އަޑުއެހުން ބާއްވާފައިވާއިރު މިއަދު މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ މި މައްސަލައިގެ އަޑުއެހުންތައް ތާވްލު ކޮށްފައިވާ ދުވަސްތައް ވިދާޅުވެ ދެއްވާފަ އެވެ. އެ ތާވަލާ އެއްގޮތަށް އަމަލު ކުރާނީ ރައީސް ޔާމީން ދައުވާއަށް އިންކާރުކޮށްފި ނަމަ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.

އެމަނިކުފާނު އިއުތިރާފްވެވަޑައިގެންފި ނަމަ އަވަސް ނިޔާގައި ޝަރީއަތް ކޮށްގެން މައްސަލަ ނިންމާނެ އެވެ.

ކޯޓުން އެކުލަވައިލި ތާވަލް

  • ފެބްރުއަރީ 10 - އިބްތިދާއީ އަޑުއެހުން (ދައުވާއަށް ޖަވާބުދާރީވުން)
  • ފެބްރުއަރީ 24 - އިބްތިދާއީ އަޑުއެހުން
  • މާޗް 15 - އިބްތިދާއީ އަޑުއެހުން
  • އޭޕްރީލް 14 - އިބްތިދާއީ އަޑުއެހުން
  • މޭ 15 - އިބްތިދާއީ ފަހު އަޑުއެހުން (ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ގޮތް ނިންމުން)
  • ޖޫން 26 - ޝަރީއަތް ފެށުން
  • ޖުލައި 21 - ދައުލަތުގެ ހެކިބަސް ނެގުން
  • ސެޕްޓެމްބަރު 01 - ދައުލަތުގެ ހެކިބަސް ނެގުން
  • ސެޕްޓެމްބަރު 15 - ދިފާއީ ހެކިބަސް ނެގުން
  • ސެޕްޓެމްބަރު 21 - ދިފާއީ ހެކިބަސް ނެގުން
  • ސެޕްޓެމްބަރު 25 - ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުން
  • އޮކްޓޯބަރު 25 - ހުލާސާ ބަޔާން އިއްވުން
  • ނޮވެމްބަރު 25 - ހުކުމް ކުރުން

އިސް ގާޒީ ވިދާޅުވީ މިގޮތަށް ތާވަލު އެކުލަވައިލި ނަމަވެސް ކަމެއް ދިމާވެއްޖެނަމަ އެ ދުވަހަށް ކުރިއަށް ނުގޮސްފާނެ ކަމަށެވެ. އެކަމަކު ކަމެއް ދިމާނުވާނަމަ މައްސަލަ ކުރިއަށް ދާނީ މި ތާވަލާ އެއްގޮތަށް ކަމަށެވެ. އަޑުއެހުންތައް ބާއްވާނީ ކޮންމެ ދުވަހެއްގެ 9:30 ގައެވެ.

މި މައްސަލައިގައި މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުމެއްގައި ވެސް ކުރިއަށް އޮތް ދެ އަޑުއެހުން ބާއްވާނެ ދުވަސްތައް ގާޒީ ދިޔައީ ކުރިއާލައި ވިދާޅުވެދެއްވަމުންނެވެ.

ދިފާއުން މިއަދު ބުނެފައި ވަނީ މި މައްސަލަ ކުރިއަށް ގެންދަނީ އަވަސް އަރުވާލައިގެން ކަމަށެވެ. އަދި އެހެން މައްސަލަތަކާ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވެސް ރައީސް ޔާމީންގެ ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދިފާއުން ފާހަގަކުރި ބައެއް ކަންކަމަށް ރިއާޔަތްކުރައްވަމުން ގާޒީ ވިދާޅުވެފައި ވަނީ މި މައްސަލަ ކުރިއަށް ގެންދަނީ އަވަސް އަރުވާލައިގެން ނޫން ކަމަށެވެ. ކުރިއާލާ ތާވަލުކޮށްގެން ދެ ފަރާތަކަށް ވެސް އަންގައިގެން ކަމަށެވެ. އަދި އެއްވެސް މައްސަލައެއްގައި ކޯޓުން ތަފާތު ކުރުން ނުގެންގުޅޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ތާވަލުގައިވާ ގޮތުން ނަމަ މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވި ނަމަވެސް ދައުވާ ސާފުވެވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުމާއި ހެކި ހާމަކުރުމެވެ.

ނޮވެމްބަރު މަހު ހުކުމްކޮށް، މައްސަލަ ސާބިތުވެއްޖެ ނަމަ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނަށް އޮތް ފުރުސަތުތައް ގެއްލިގެންދާނެ އެވެ.