އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސް އާކުރުމަށް އެޕްލިކޭޝަން ފޯމު ކަސްޓަމްސް އޮފީހަށް ހުށަހެޅުމުގެ ބަދަލުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް، ވެރިފަރާތައް ލައިސަންސް އާކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކަސްޓަމްސް އާންމު ގަވާއިދުގެ 228 ވަނަ މާއްދާގައިވާ ގޮތުން އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރާ ދުވަހުން ފެށިގެން އެއް އަހަރެވެ.
ލައިސަންސްގެ މުއްދަތު ހަމަވުމުން ލައިސަންސް އާކުރުމަށް ކުރިން، ކަމާ ގުޅޭ ފޯމު ހުށަހަޅަންޖެހެނީ ކަސްޓަމްސް އޮފީހަށެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސް އާކުރުމަށް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ފެށުމާ ގުޅިގެން ލައިސަންސްގެ މުއްދަތު ހަމަވުމުން އޮޓޮމެޓިކުން ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.
ހިދުމަތް އަލުން ލިބޭނީ ޕޯޓަލް މެދުވެރިކޮށް ލައިސަންސް އާކުރުމަށްޓަކައި ހިދުމަތަށް ފައިސާ ދެއްކުމުންނެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ހެދޭނެ އިންތިޒާމު ވެސް ކަސްޓަމްސް އިން ވަނީ ހަމަޖައްސާފަ އެވެ.
ކަސްޓަމްސް އިން ބުނީ އެ އިދާރާއިން ލައިސަންސް އާކުރުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ "ޝިޕިން އެޖެންސީގެ ލައިސަންސް"ގެ މުއްދަތު ހަމަވެފައިވާނަމަ، އެ މުއްދަތު ޓްރާންސްޕޯޓް މިނިސްޓްރީން އާކުރުމަށްފަހު އެކަމާ ގުޅޭ ލިޔުން ކަސްޓަމްސް އަށް ހުށަހެޅުމަކީ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.
ކަސްޓަމްސް ޕޯޓަލްއަށް ލޮގިން ކުރުމަށްފަހު ޑޭޝްބޯޑް ޕޭޖުގައި ރިނިއު އުޅަނދުފަހަރުގެ އޭޖެންޓުންގެ ލިންކަށް ވަދެ ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރުމުން ލަސްނުކޮށް ހިދުމަތް ލިބިގެންދާނެ ކަމަށްވެސް ކަސްޓަމްސް އިން މައުލުމާތުދެ އެވެ.