އޭސީސީ

ރިޔާސީ އިންތިހާބުގެ މައްސަލަ އޭސީސީއަށް ބެލޭކަށް ނެތް!

Jan 27, 2022

ނިމިގެންދިޔަ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނަށް މިވަގުތު ބެލެން ނެތް ކަމަށް އޭސީސީން ޕީޕީއެމްއަށް އަންގައިފި އެވެ.

އޭސީސީން ޕީޕީއެމް އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އޭސީސީއަށް ހުށަހަޅާ މައްސަލަތަކާ މެދު ގޮތެއް ނިންމޭނީ ކޮމިޝަންގެ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. ނަމަވެސް މިވަގުތު އޭސީސީގައި އެއްވެސް މެންބަރަކު ނެތުމުން އެ ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގައި ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ ޕީޕީއެމުން ހުށަހަޅާފައިވާ ރިޔާސީ އިންތިހާބުގެ މައްސަލަ، އޭސީސީ އަށް މެންބަރުން އައްޔަންކުރުމުން އެ ކޮމިޝަނުން ބެލުމާ މެދު ނިންމާ ގޮތެއް ފަހުން އަންގާނެ ކަމަށެވެ.

އޭސީސީން ދިން ޖަވާބާ ގުޅިގެން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އެތައް އަމަލެއް ހިނގަމުންދާއިރު އަދި ބައި އިލެކްޝަނެއް ކުރިމަތީގައި އޮތް އިރު އޭސީސީގެ ދޮރުގައި ބޮޑު ތަޅު އަޅުވާފައި ބެހެއްޓުމަކީ މިސަރުކާރުގެ ހުދުމުހުތާރުކަން އަންގައިދޭ ކަމެއް ކަމަށެވެ.

ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން އެ މައްސަލަ ހުށަހެޅީ އޭސީސީގެ އިތުރުން އެޗްއާރްސީއެމް އަށާއި، ޕޮލިހަށާއި، އިންތިގާލީ އިންސާފުގެ އޮފީހަށެވެ. އެ މައްސަލައިގައި 25 ކަމެއް ފާހަގަކޮށް އެކަންކަން ސާބިތުވާނެ ހެކި ލިބިފައިވާ ކަމަށްވެސް މައްސަލައިގައި ބުނެފައިވެ އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނާ މައްސަލަ ފުލުހަށާއި އަދި ސުޕްރީމް ކޯޓަށް އެ ދުވަސް ވަރުވެސް ޕީޕީއެމުން ހުށަހެޅި އެވެ. އެކަމަކު އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަވަރުގެ މައްސަލައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.