ފ. މަގޫދޫ

މަގޫދޫ އެއާޕޯޓުގެ ބިން ހިއްކުން އެމްޓީސީސީ އަށް

Jan 27, 2022
1

ފ. މަގޫދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިމެނޭ ގޮތަށް އެ ރަށުގެ ބިން ހިއްކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

މިރަސްމިއްޔާތުގައި މަގޫދޫ ހިމެނޭ ބިލަތްދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަަސައްކަތްތައް

  • 47.8 ހެކްޓަރުގެ ބިން ހިއްކުން (އެއާޕޯޓް އެޅުމަށް ބިން ހިމެނޭ ގޮތަށް)
  • ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 3،339 މީޓަރުގެ ރިވެޓްމަންޓް ޖެހުން
  • 30 މީޓަރުގެ ތިން ގްރޮއިން ޖެހުން

މަގޫދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 207.9 މިލިއަން ރުފިޔާ އަށް 650 ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމަން ޝަރުތުކުރުމަށްފަހު އެވެ.

މަގޫދޫ ހިމެނޭ ގޮތަށް ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަކެއް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. އެ ފުރުސަތު ހުޅުވާލީ އެއާޕޯޓް އެޅުމުން ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް އެ ފަރާތަކަށް ލިބޭ ގޮތަށެވެ.

މަގޫދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.