ފ. މަގޫދޫ

މަގޫދޫ އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Oct 19, 2022

ފ. މަގޫދޫ އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގު އެވެ.

އެމްޓީސީސީއަށް މިމަސައްކަތް ހަވާލުކުރީ 231.5 މިލިއަން ރުފިޔާ އަށެވެ. އެއާޕޯޓްގެ މަސައްކަތް ނިންމަން ދީފައިވަނީ 550 ދުވަހެވެ.

މިމަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް

  • 1،500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުން
  • ޓެކްސީވޭ، އޭޕްރަން، އަދި ފަޔަޕެޑް / ރޯޑްއާ އެކު ހެދުން
  • ޕެސެންޖާ ޓާމިނަލް އިމާރާތެެއް ހެދުން
  • ކޮންޓްރޯލް ޓަވަރާ އެކު ފަޔާ ސްޓޭޝަނެއް ހެދުން
  • ސަލާމަތީ ވަސީލަތްތައް ގާއިމުކުރުން (ފެންސް ޖެހުން، ގޭޓް، ސެކިއުރިޓީ ޗެކްޕޯސްޓް ހެދުން)
  • ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުން
  • ގުރައުންޑް ހޭންޑްލިން އިކްއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން

މަގޫދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިމެނޭ ގޮތަށް އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަން ސަރުކާރުން ހަވާލުކުރީ ވެސް އެމްޓީސީސީ އަށެވެ. ބިން ހިއްކަން 207.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ 27 ދުވަހު އެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ އޮގަސްޓް 10 ވަނަ ދުވަހު އެވެ.

ބިން ހިއްކުމުގެ ކުރިން 22.1 ހެކްޓަރު ހުރި މަގޫދޫ އަކީ ގާތްގަނޑަކަށް 900 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމަން 650 ދުވަސް އެމްޓީސީސީއަށް ދީފައިވެ އެވެ.

މަގޫދޫ ހިމެނޭ ގޮތަށް ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް މިދިޔަ އަަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން އިއުލާންކުރި އެވެ. އެ ފުރުސަތު އޭގެ ފަހުން އެކި ފަހަރު މަތިން ހުޅުވާލީ އެއާޕޯޓް އެޅުމުން ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް އެ ފަރާތަކަށް ލިބޭ ގޮތަށެވެ. މިރަށްތަކުގެ ތެރެއިން މަގޫދޫ ފިޔަވާ އެހެން ރަށެއްގައި އެއާޕޯޓް އެޅުމަށް އަދި އެއްވެސް ބަޔަކާ ހަވާލެއް ނުކުރެ އެވެ.