ފ. މަގޫދޫ

މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަލުން ފަށައިފި

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ އެތައް މަހެއް ފަހުން އަލުން އެ މަސައްކަތް ފަށައިފި އެވެ.

މަގޫދޫ ކައުންސިލުން މިއަދު ބުނީ އެ ރަށު އެއާޕޯޓުގެ މަސައްކަތް އަލުން މިހާރު ފަށާފައިވާ ކަމަށާއި މިވަގުތު ކުރަނީ ރަންވޭ ނިންމުމުގެ މަސައްކަތް ކަމަށެވެ.

މަގޫދޫގައި އެއާޕޯޓް އެޅުމުގެ މަސައްކަތް 231.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މި މަޝްރޫއު ނިންމަން އޭރު ދިނީ 550 ދުވަހެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މަގޫދޫ އެއާޕޯޓުގެ މަސައްކަތް މެދުކަނޑާލި އެވެ. އޭރު މަސައްކަތް މެދުކަނޑާލި ސީދާ ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް މެދުކަނޑާލުމުން އެރަށުގައި ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް މިސަރުކާރުން ވަނީ މަގޫދޫއާއި ވަރަށް ކައިރީގައި އޮންނަ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ނިންމާ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އަދި ނިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.