ފ. މަގޫދޫ

އެއާޕޯޓާ އެކު މަގޫދޫގައި ލޯކަލް ޓޫރިޒަމް ފަށަނީ

ފ. މަގޫދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓް ނިމުމާއެކު ލޯކަލް ޓޫރިޒަމް ފެށުމަށް ނިންމާފައިވާ ކަމަށް މަގޫދޫ ކައުންސިލް ރައީސް އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން މަގޫދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މަގޫދުގައި އެއާޕޯޓް އެޅުމަކީ ރަށުގެ ރައްޔިތުންގެ ޒަމާންވީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

"އެއާޕޯޓް މަޝްރޫއު އިއްޔެ ފެށުމާ އެކު ރައްޔިތުން ތިބީ ވަރަށް އުފާވެފައި. މި އެއާޕޯޓާ އެކު އަޅުގަނޑުމެންގެ މިރަށަށް ކުރިއެރުންތަކެއް ލިބޭނެ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓާ އެކު މަގޫދޫއަށް ދަތުރުކުރަން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެތީވެ ލަސްނުކޮށް މަގޫދޫ ލޯކަލް ޓޫރިޒަމް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށެވެ. ލޯކަލް ޓޫރިޒަމް ފެށުމަށް ބޭނުންވާ ބައެއް ރޫމުތަކާއި ބައެއް ވަސީލަތްތައް މިހާރުވެސް މަގޫދޫގައި ގާއިމުކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެއާޕޯޓާ އެކު ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވެ އާމްދަނީ ލިބޭނެ އެހެން ގޮތްތައްވެސް އެވަނީ ހުޅުވެން ތައްޔާރުވެފައި. މިކަމުން ވެސް އެނގެނީ ރަށުގެ ކުރިއެރުމަށް ރައްޔިތުންގެ ހުރި ޖޯޝް،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓް އެޅުމަށާއި ރަށުގެ ތަރައްގީގެ ކަންކަމަށް ހިއްކާ ބިމުގެ ލޭންޑް ޔޫޒް ޕްލޭން މުޅިން ނިމޭއިރު ރައްޔިތުންގެ ބޯހިޔާވެހިކަން ހަމަޖެއްސުމަށާއި، ސިނާއި މަސަައްކަތްތައް ކުރުމަށް ބޭނުންވާ ބިން އޮންނާނެ ކަމަށެވެ. މީގެއިތުރުން އަލަށް ހިއްކާ ސަރަހައްދުގައި ރައްޔިތުން ހިތްހަމަޖައްސާލައި މަޖާކޮށްލުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކޮށް މޫދަށް އެރުމަށްވެސް ހާއްސަ ސަރަހައްދެއް ހަދާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުﷲ އިތުރަށް ވިދާޅުވީ މަގޫދޫ އެއާޕޯޓްގެ މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ ތާރީހައް ނިންމާނެ ކަމުގެ ޔަގީންކަން ސަރުކަރުންނާއި އެމްޓީސީސީން ދީފައިވާ ކަމަށެވެ.

"އެހެންކަމުން އެ ތާރީހަށް މަސައްކަތްތައް ނިންމާ އެއާޕޯޓް ބޭނުންކުރަން ފެށޭނެ ކަމަށް އަޅުގަނޑުމެން ޔަގީންކުރަން،" އަބްދުﷲ ވިދާޅުވި އެވެ.

މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަަސައްކަތްތައް

  • އެއާޕޯޓް އެޅުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުން
  • ރަށުގެ ތަރައްގީގެ ބޭނުންތަކަށް ބޭނުންވާ 17 ހެކްޓަރުގެ ބިން ހިއްކުން
  • ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 3،339 މީޓަރުގެ ރިވެޓްމަންޓް ޖެހުން
  • 30 މީޓަރުގެ ތިން ގްރޮއިން ޖެހުން

ގާތްގަނޑަކަށް 900 މީހުންގެ އާބާދީއެއް އޮތް މަގޫދޫގެ ބިން ހިއްކުމާއި އެއާޕޯޓް އެޅުމުގެ މަޝްރޫއު މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރީ 207.9 މިލިއަން ރުފިޔާ އަށް 650 ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމަން ޝަރުތުކުރުމަށްފަހު އެވެ.

ބޮޑުމިނުގައި މިވަގުތު 22.1 ހެކްޓަރު ހުރި މަގޫދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.