ފ. މަގޫދޫ

މަގޫދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކަން ފަށައިފި

Aug 10, 2022

ފ. މަގޫދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިމެނޭ ގޮތަށް އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިިފި އެވެ.

މަޝްރޫއު ފެށުމަށް މަގޫދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގޫދޫ ހިމެނޭ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމު (ދޮންބިލަތް) އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ ބައެއް ވެރިންނާއި މަގޫދޫ ކައުންސިލްގެ ބޭފުުޅުން ބައެއް ރައްޔިތުންވެސް ބައިވެރިވެ އެވެ.

މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަަސައްކަތްތައް

  • އެއާޕޯޓް އެޅުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުން
  • ރަށުގެ ތަރައްގީގެ ބޭނުންތަކަށް ބޭނުންވާ 17 ހެކްޓަރުގެ ބިން ހިއްކުން
  • ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 3،339 މީޓަރުގެ ރިވެޓްމަންޓް ޖެހުން
  • 30 މީޓަރުގެ ތިން ގްރޮއިން ޖެހުން

ގާތްގަނޑަކަށް 900 މީހުންގެ އާބާދީއެއް އޮތް މަގޫދޫގެ ބިން ހިއްކުމުގެ މަޝްރޫއު މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރީ 207.9 މިލިއަން ރުފިޔާ އަށް 650 ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމަން ޝަރުތުކުރުމަށްފަހު އެވެ.

މަގޫދޫ ހިމެނޭ ގޮތަށް ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަކެއް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. އެ ފުރުސަތު ހުޅުވާލީ އެއާޕޯޓް އެޅުމުން ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް އެ ފަރާތަކަށް ލިބޭ ގޮތަށެވެ.

ބޮޑުމިނުގައި މިވަގުތު 22.1 ހެކްޓަރު ހުރި މަގޫދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.