މި ޒަމާނަކީ، މީސްތަކުންކުރާ ކޮންމެ ކަމެއް ސޯޝަލް މީޑިޔާގައި އާންމުކުރާ ޒަމާނެވެ. ބައެއް މީހުން ކުރާ ހެޔޮ ޢަމަލުތައްވެސް ސޯޝަލް މީޑިޔާގައި އާންމުކުރެއެވެ. ނަމަވެސް ހަނދާންކުރަންވީ ކަމަކީ ހެޔޮ ޢަމަލުތަކުގެ ތެރެއިން، އެންމެ ހެޔޮވެގެންވާ ކަމަކީ، ސީދާވެގެންވާ ހިތަކުން ކުރާ ހެޔޮ ޢަމަލުތައް ކަމެވެ. އަދި ދެއްކުންތެރިކަމާއި މީސްތަކުންގެ ހެޔޮ ބަސްތައް ހޯދުމުން އެއްކިބާވެ، މާތް ﷲ އަށް އިޚްލާޞްތެރިކަމާއެކު އެއިލާހުގެ ރުއްސެވުން ހޯދަމަށް ކުރާ ޢަމަލުތައް ކަމެވެ. މި ލިޔުމުގައި އަޅުގަނޑު މި ހިމަނާލަނީ އިސްލާމްވެބް ޑޮޓް ނެޓްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ޚުލާޞާއެވެ. އެލިޔުމަކީ "ތިބާ ސިއްރިޔާތުގައި ކުރާ ޢަމަލުތައް އިޞްލާޙު ކުރާށެވެ. އޭރުން ފާޅުގައި ކުރާ ކަންތައްތައް މާތް ﷲ އިޞްލާޙު ކޮށްދެއްވާނެއެވެ،" މި މައުޟޫގެ ދަށުން ލިޔެފައިވާ ލިޔުމެކެވެ.
ތާބިޢީ ބޭކަލެއްކަމުގައިވާ ސުފިޔާނުއް ޘައުރީ رحمه الله ގެ ވިދާޅުވެފައިވެއެވެ. "ކުރީގެ ދަންނަބޭކަލުން އޭގެތެރެއިން އެއް ބޭކަލަކު އަނެއް ބޭކަލަކަށް ލިޔުއްވާ ސިޓީތަކުގައި މިބަސްތަކުން ނަޞޭޙަތްތެރިވެ އުޅުއްވިއެވެ. އެއީ: މީސްތަކުންނާ އެކަހެރިވެ އެކަނިވެރިވާ ވަގުތު ތަކުގައި ކުރާ ޢަމަލުތައް އިޞްލާޙު ކޮށްފި މީހަކު، ފާޅުގައި ކޮށްއުޅޭ ޢަމަލުތައް މާތް ﷲ އިޞްލާޙު ކޮށްދެއްވާހުއްޓެވެ. އަދި މީހަކު، އޭނާއާއި މާތް ﷲ އާ ދެމެދުގައި އޮތް ގުޅުން ރަނގަޅުކޮށްފިނަމަ، މީސްތަކުންނާ އޭނާއާ ދެމެދު އޮތް ގުޅުން މާތް ﷲ ރަނގަޅު ކޮށްދެއްވާނެތެވެ. އަދި އެމީހެއްގެ އާޚިރަތަށްޓަކައި ހެޔޮ ޢަމަލުކޮށްއުޅޭ މީހެއްގެ ދުނިޔެވީ ކަންކަން މާތް ﷲ އޭނާއަށްޓަކައި ފުއްދަވައި ދެއްވާނެތެވެ." (އިބްނު އަބިއްދުންޔާ އެކަލޭގެފާނުގެ الإخلاص އޭ ކިޔުނު ފޮތުގައި ރިވާކުރައްވާފައިވާ ބަސްފުޅެކެވެ.)
ކޮންމެ މީހަކުމެ ސިއްރާއި ފާޅުގައި ކުރާ ޢަމަލުތަކެއްވެއެވެ. ސިއްރިޔާތުގައި، މީސްތަކުންނާއި އެކަހިރިވާ ވަގުތުތަކުގައި ކުރާ ޢަމަލުތަކަކާއި، މީސްތަކުންގެ ތެރޭގައި އުޅޭއިރު، މީސްތަކުންނަށް ފެންނަ ތާނގައި، ކޮށް އުޅޭ ޢަމަލުތަކެއްވެއެވެ. ނުވަތަ މީސްތަކުންނަށް ފެންނާން ހުންނަ ޢަމަލުތަކަކާއި، މީސްތަކުންގެ ލޯތަކަށް ފޮރުވިފައިވާ ޢަމުލުތަކެއްވެއެވެ. ނުވަތަ ބޭރުފުށުގެ ޢަމަލުތަކާއި ހިތުގެ ޢަމަލުތައް ކަމުގައިވެސް ބުނެވެއެވެ. އިޚްލާޞްތެރިކަމާއި ތެދުވެރިކަން ގުޅިފައިވަނީ ހިތުގެ ޢަމަލުތަކާއި، ބޭރުފުށުގެ ޢަމަލުތައް ސީދާވުމާއެވެ.
ޒައިދު ބުނުލް ޙާރިޘް رحمه الله ގެ ވިދާޅުވެފައެވެ. "ތިބާ ސިއްރާއި ފާޅުގައި ކުރާ ޢަމަލުތައް އެއްގޮތްވެއްޖެނަމަ، ތިބާއަށް އެހުރެވެނީ ސީދާކޮށެވެ. ތިބާ ފާޅުކުރާ ޢަމަލުތަކަށްވުރެ ސިއްރިޔާތުގައިކުރާ ޢަމަލުތައް ހެޔޮވެގެންވާނަމަ، އެއީ އެންމެ މޮޅުއިތުރުގޮތެވެ. އަދި ސިއްރިޔާތުގައި ކުރާ ޢަމަލުތަކަށްވުރެ، ފާޅުގައި ކުރާ ޢަމަލުތައް ހެޔޮކަމުގައިވާނަމަ، އެއީ ހެޔޮކަމުން އެއްކިބާވުމެކެވެ."
މިބަސްފުޅުގައި އެވިދާޅުވަނީ، މީސްތަކުންނަށް ދެއްކެން ކުރާ ޢަމަލުތައް، ނުވަތަ މީސްތަކުން ކުރިމަތީގައި ހެޔޮ ޢަމަލުކުރުން ގިނަކޮށްފައި، މީސްތަކުންނަށް ނުފެންނަ ފަށުގައި ތިބާގެ ހެޔޮ ޢަމަލުތަ ކުރުމަށް ކަންނެތްވާނަމަ އެއީ ހެޔޮ ޢަމަލުތަކުން އެއްކިބާވުމެއް ކަމުގައެވެ. މިކަމަށްޓަކައި، މިއުންމަތުގެ މީސްތަކުންގެ މައްޗަށް ކީރިތި ރަސޫލާ صلى الله عليه وسلم އެންމެ ބިރުފުޅުގެންވާކަމަކީ ކުޑަ ޝިރުކު ކަމުގައިވަނީ ޙަދީޘް ކުރައްވާފައެވެ. އަދި އެއީ މީސްތަކުންނަށް ދެއްކެން ކުރާ ހެޔޮ ޢަމަލުތައް ކަމުގައިވަނީ ބަޔާންކޮށްދެއްވާފައެވެ.
ވީމާ، ހިތްނިޔަތް މާތް ﷲ އަށް ޚާލިޞްކޮށް، ސިއްރިޔާތުގައިކުރާ ޢަމަލުތަކާއި، ފާޅުގައި ކުރާ ޢަމަލުތައްވެސް ރަނގަޅު ހެޔޮ ޢަމަލުތައް ކަމުގައިވާންޖެހެއެވެ. އަދި މީސްތަކުންނަށް ފެންނަތާނގައި އެކަނި ހެޔޮ ޢަމަލުކުރާ މީހެއްކަމުގައި ނުވެ، މީސްތަކުންނަށް ފެނުނަސް އަދި ނުފެނުނު ކަމުގައިވީނަމަވެސް ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުންނަ މީހަކަށް ވާންޖެހޭނެއެވެ. ނޫންނަމަ، ބޭރުފުށަށް އެހެން ގޮތެއް ފާޅުކޮށް ހިތުންގައި އެހެން ގޮތެއް އޮތުމަކީ މުނާފިޤުކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
މާލިކު ބުނު ދީނާރު رحمه الله ވިދާޅުވެފައިވެއެވެ. "ހިތަކީ ކަންވާރެއްފަދަ އެއްޗެކެވެ. އެ ކަންވާރުގެ އުނދުޅިއަކީ ދުލެވެ. މާތް ﷲ ގެ އަޅަކު ވާހަކަ ދައްކަނީނަމަ އޭނާގެ ދުލުން ބޭރުކުރާ ބަސްތަކަށް ވިސްނައި އަޑުއަހާށެވެ. އެހެނީ ދުލުން ބޭރުކުރަމުންދަނީ ހިތުގައިވާ ތަކެއްޗެވެ."
މީހަކު ދައްކާ ވާހަކަތަކާއި، އޭނާ ކޮށްއުޅޭ ޢަމަލުތަކަކީ އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކަކާއި ލަފުޒުތަކެކެވެ. ކޮންމެ މީހެއްގެވެސް ބަސްމަގު ހުންނާނީ، އަދި ޢަމަލުކުރެވޭނީ ހިތުގައިވާ ގޮތެއްގެ މަތީންނެވެ. މި ސަބަބަށްޓަކައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. " لَا يَسْتَقِيمُ إِيمَانُ عَبْدٍ حَتَّى يَسْتَقِيمَ قَلْبُهُ، وَلَا يَسْتَقِيمُ قَلْبُهُ حَتَّى يَسْتَقِيمَ لِسَانُهُ " މާނައީ: "ހިތް ސީދާ ނުވާހާ ހިނދަކު އަޅެއްގެ އީމާންކަން ސީދާ ނުވާހުއްޓެވެ. އަދި އޭނާގެ ދޫ ސީދާ ނުވާހާހިނދަކު ހިތް ސީދާ ނުވާހުއްޓެވެ." (ރިވާކުރެއްވީ އަލްއިމާމު އަޙްމަދެވެ.)
ބޭރު ފުށުގެ ޢަމަލުތައް ސީދާވުން ވަނީ ދެކަމެއްގެ މައްޗަށެވެ. އެއީ؛ ރިވެތި އަޚުލާޤާއި ހެޔޮ ޢަމަލެވެ. ހުރިހާ މީސްތަކުންނާ މުޢާމަލާތް ކުރުމުގައިމެ ރިވެތި ގޮތުގައި މުޢާމަލާތް ކުރުމާއި، އެކަމުގެ މައްޗަށް ހެޔޮ ބަސް ޙައްޤުވެގެންވާ ގޮތުގައި ޢަމަލުތައް ބެހެއްޓުމެވެ. ކުޑަމިނުން ޖަނަވާރުތަކާ މުޢާމަލާތް ކުރާއިރުވެސް އިޙްސާންތެރިކަމާއެކު، ހެޔޮ ގޮތުގައި މުޢާމަލާތް ކުރުމެވެ. އަދި ހެޔޮ ގޮތުގައި ޢަމަލުތައް ބެހެއްޓުމާއެކު، ކަންކަން އިޞްލާޙު ކުރުމަށް މަސައކަތް ކުރުމެވެ. އޭގެ ތެރޭގައި، މާތް ﷲ އަށް އަދާކުރަންޖެހޭ އަޅުކަން އަދާކުރުމާއި، ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމެވެ.
އެތެރެފުށުގެ ޢަމަލުތައް ސީދާވުންވަނީ ހިތް ސާފުވުމާއި ގުޅިފައެވެ. އެންމެހާ ބާޠިލު ޢަޤީދާތަކާއި ބާޠިލު ނިޔަތްތަކުން ހިތް ޠާހިރުވެ ސާފުވުމުންމެނުވީ ސިއްރިޔާތުގައިކުރެވޭ ޢަމަލުތައް އިޞްލާޙު ނުވާނެތެވެ. އެހިތުގައިވާ އެންމެހާ، މުނާފިޤުކަމުގެ ބަލިތަކާއި، ޙަސަދަވެރިކަމާއި ކިބުރުވެރިކަމުން ހިތް ސަލާމަތްވުމުން މެނުވީ މިކަން ޙާޞިލު ނުވާނެއެވެ.
އިސްލާމް ދީނުގައި މީސްތަކުންގެ ބޭރުފުށުގެ ޢަމަލުތައް ސީދާ ކުރުމަށް ބާރު އަޅުއްވާފަދައިން؛ އަދި އެންމެ ހެޔޮ މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ ކަމުގައި ބަޔާންކުރައްވާފައި ވުމާއެކުގައިމެ، ސިއްރިޔާތުގައި ކުރާ ޢަމަލުތަށް ސީދާ ކުރުމަށް ނުހަނު ބާރު އަޅުއްވައެވެ. އިސްވެ ދިޔަހާ މުސްލިމުންތަކުންނާއި، ދިރިތިބި އެންމެހާ މުސްލިމުންތަކުންގެ މައްޗަށް ހިތް ސާފު ބައެއްކަމުގައިވާން ޖެހެއެވެ. މުސްލިމެއްގެ އީމާންކަމުގެ ޢަލާމާތަކީ އޭނާގެ އިސްވެދިޔަ އަޚުންނާއި ދިރިތިބި އެންމެހައި މުސްމުންނަށް ހިތްސާފުވެގެންވުމާއި، ހެޔޮ ދުޢާކުރުންކަމުގައިވަނީ އަންގަވާފައެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلإِخْوَانِنَا الَّذِينَ سَبَقُونَا بِالإِيمَانِ وَلا تَجْعَلْ فِي قُلُوبِنَا غِلا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ﴾(الحشر:10) މާނައީ: "އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމުވަންތަ ރަސްކަލާނގެއެވެ."
ހިތް ސާފުކޮށްދިނުމަށް އެހީތެރިވެދޭ ކަންތައްތަކުގެ ތެރެއިން ބައެއް މުހިންމު ކަންކަން ފާހަގަކޮށްލާނަމެވެ.
ދުޢާކުރުން
ހިތް ސީދާކުރުމަށާއި، ހިތުގެ އެންމެހާ އާފާތްތަކުން ސަލާމަތްވުމަށް ކުރަންޖެހޭ އެންމެ މުހިންމުކަމަކި ދުޢާކުރުމެވެ. އީމާންކަންމަތީ ހިތް ސާބިތުކޮށްދެވުމަށާއި، ސަލާމަތްވެގެންވާ ހިތްތެއް ދެއްވުމަށާއި، ބިރުވެތިވާ ހިތެއް ދެއްވުމަށް، ކީރިތި ރަސޫލާ صلى الله عليه وسلم ކުރެއްވި އެކިއެކި ދުޢާތަކުގައިވަނީ ދަންނަވާފައެވެ.
ކޮންމެ ހާލެއްގައިމެ މާތް ﷲ ބައްލަވައިވޮޑިގެންވާކަން ހަނދުމަކުރުން
ތިމާގެ ވެރިރައްބު، ތިމާގެ މައްޗަށް ތާއަބަދުމެ ބައްލަވާވޮޑިގެންވާކަން ދަތުމަކީ، ސިއްރިޔާތުގެ ޢަމަލުތައް ސީދާވުމަށް އެންމެ ބޮޑު އެހީތެރިކަމެއްދޭ ކަމެކެވެ. މީސްތަކުންނަށް ދެއްވާފައިވާ ސޫރައާއި މުދަލަށް މާތް ﷲ ބައްލަވައިވޮޑިގެން ނުވާކަމަށާއި، އެހެނެއްކަމަކު އެއިލާހު ބައްލަވައިވޮޑިގެންވަނީ މީސްތަކުންގެ ހިތްތަކާއި ޢަމަލުތަކަށް ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘްކުރައްވާފައެވެ.
ޢަމަލުތަކުގެ މާތްކަމާއި މަތިވެރިކަން އިތުރުވަނީ ހިތްނިޔަތުގެ މައްޗަށްކަން ދަތުން
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "ޢަމަލުތަކުގެ ދަރަޖަ މަތިވެރިވުމާއި މާތްވުން ބިނާވެގންވަނީ އެ ޢަމަލު ކުރާގޮތާއި ކުރާ ޢަދަދަކުން ނޫނެވެ. އެ ތަފާތު ގެނުވަނީ ހިތުގައިވާ އެއްޗެއްގެ ސަބަބުންނެވެ. ދެމީހަކު ކުރާ އަޅުކަން ބޭރުފުށަށް އެއް ކަމެއްގެ ގޮތުގައި ފެނުނަސް، އެދެ މީހުންގެ ޢަމަލުގައި އުޑާއި ބިމާ ދެމެދުގެ ތަފާތު ހުރެއެވެ. (އިބްނުލް ޤައްޔިމުގެ الوابل الصيب)
މި ބަސްފުޅުގެ ޝަރަހަ ވިސްނައި ގަތުމަށް، އެންމެ ފަސޭހަ އެއް މިސާލަކީ ނަމާދުކުރަން ޖަމާޢަތެއްގައި ބައިވެރިވާ މީހުންގެ މިސާލެވެ. އެންމެން ކުރަނީ އެއް ނަމާދެއްކަމުގައި ވިޔަސް، އަދި އެނަމާދުގައި ކުރާ ރަކުޢަތްތަކުގެ ޢަދަދަކީ އެއް ޢަދަދެއްކަމުގައި ވިޔަސް، އެނަމާދުގައި ހިތުގެ މަޑުމޮޅިކަމާއި، ޚުޝޫޢަތްތެރިކަމާއި، މާތް ﷲ ގެ ބައްލަވާވޮޑިގަތުން، ބޮޑަށް ހަނދާންކުރާ މީހާގެ ނަމާދުގެ ދަރުމައާއި ސަވާބު އެހެން އެންމެންނަށްވުރެ ބޮޑުވެގެންވެއެވެ.
މިކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ. "إِنَّ الرَّجُلَ لَيُصَلِّي، وَلَعَلَّهُ أَنْ لَا يَكُونَ لَهُ مِنْ صَلَاتِهِ إِلَّا عُشْرُهَا، وَتُسْعُهَا، أَوْ ثُمُنُهَا، أَوْ سُبُعُهَا " حَتَّى انْتَهَى إِلَى آخِرِ الْعَدَدِ މާނައީ: "އަޅުކު ނަމާދު ކުރާހިނދު، އޭނާގެ ނަމާދުގެ ދަރުމައިން އޭނާއަށް ދިހަބައިކުޅަ އެއްބައި ނޫނީ ނުލިބޭ ކަމުގައިވެދެއެވެ. ނުވަތަ ނުވަބައިކުޅަ އެއްބައި، ނުވަތަ އައްބައިކުޅަ އެއްބައި ނުވަތަ ހަތްބައިކުޅަ އެއްބައި.." މިހެންގޮސް އަދަދުތައް ނިމެންދެއްން ވިދާޅުވިއެއެވެ. (ރިވާކުރެއްވީ އަލްއިމާމު އަޙްމަދެވެ.)
ސިއްރުގައި ކުރާ ޢަމަލުތައް އިޞްލާޙުކޮށްފި މީހެއް ފާޅުކުރާ ކަންކަން އިޞްލާޙުކޮށްދެއްވާނެ
މިލިޔުމުގެ ކުރީކޮޅުގައި ބަޔާންކުރިފަދައިން، މިއީ އިހުގެ ދަންނަބޭކަލުން އެއްބޭކަލަކު އަނެއް ބޭކަލަކަށް ވަޞިޔަތްކޮށް އުޅުވި ނަޞޭޙަތުގެ ބަސްފުޅެވެ.
ވީމާ، ތިބާގެ ވެރިރައްބަށް އަދާކުރަން އޮތް ޙައްޤު އަދާކޮށް އެއިލާހާ އޮތް ގުޅުން ރަނގަޅު ކުރާށެވެ. އޭރުން، މީސްތަކުންނާ ތިބާއާ އެތް ގުޅުން އެއިލާހު ރަނގަޅުކޮށްދެއްވާނެއެވެ. އަދި ތިބާ ސިއްރިޔާތުގައި ކުރާ ޢަމަލުތައް ރަނގަޅު ގޮތުގައި ބަހައްޓާށެވެ. އޭރުން، ތިބާ ފާޅުކުރާ ޢަމަލުތައް އިޞްލާޙުކޮށްދެއްވާނެއެވެ.