ދުނިޔެ

އެންމެ މުހިންމު ސުވާލަށް އެމެރިކާ ޖަވާބެއް ނުދިން

ޔުކްރޭނާ ހެދި ރަޝިއާއަށް ކުރިމަތިވެފައި އޮތް ބިރުވެރިކަން އޮތް ގޮތަށް އޮތީ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ޔުކްރޭނަށް އަރާ ތިބި ނެޓޯ ސިފައި ރަޝިއާއާ ގާތަށް ނުޖެހޭނެކަން ލިޔުމުން ކަށަވަރުކޮށް ދިނުމަށް އެމެރިކާގެ ކިބައިން އެދުމުން އެކަން ކުރާކަށް އެމެރިކާ ބޭނުމެއް ނުވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭން ބޯޑަރަށް ޖަމާ ކުރާ މައްސަލަ ބޮޑުވެ އެމެރިކާ އާއީ ނޭޓޯ ގައުމުތަކުން މިހާރު ތިބީ ޔުކްރޭންގަ އެވެ.

ރަޝިއާގެ ކިބައިން ޔުކްރޭން ސަލާމަތް ކުރުމަށްޓަކައި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕް ގެންދަނީ އަސްކަރީ ގޮތުންނާއި އަދި މާލީ ގޮތުން ވެސް ޔުކްރޭނަށް ބޮޑެތި އެހީތައް ފޯރު ކޮށްދެމުންނެވެ.

ރަޝިއާ ކުރިން ބުނި ގޮތުން އެމެރިކާ އާއި ނޭޓޯގެ އަމަލުތައް ހުރީ ރަޝިއާގެ މިނިވަންކަމަށާއި އިސްތިގުލާލު ނުތަނަވަސް ކުރުވާ ގޮތަށެވެ. އަނެއްކޮޅުން ނޭޓޯ މެމްބަރުކަން ޔުކްރޭނަށާއި ޖޯޖިއާށް ދީފި ނަމަ، ނޭޓޯ ސިފައިން އެ ގައުމުތަކުގައި ދެމިތިބޭނެ ކަމަށް ރަޝިއާ ބުނެ އެވެ.

އެމެރިކާގެ ކިބައިން ރަޝިއާ އެދިފައި އޮތީ ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ނުދޭނެކަން ކަށަވަރު ކޮށްދިނުމަށާއި ނޭޓޯ ސިފައިން ރަޝިއާއާ ގާތަށް ނުޖެހޭނެކަން ޔަގީންކޮށް ދިނުމަށެވެ.

އެހެން ނަމަވެސް، ލަވްރޯފް ވިދާޅުވި ގޮތުގައި ރަޝިއާއަށް އެންމެ މުހިންމު ސުވާލުތަކަށް އެމެރިކާ އެއްވެސް ޖަވާބެއް ނުދެ އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި އެމެރިކާއިން ދިން ލިޔުމުގައި ހުރި ނުކުތާތަކަށް ވަރަށް ބޮޑަށް ވިސްނާނެ އެވެ. އަދި އެއީ ރަޝިއާއަށް އޮތް ކަންބޮޑުވުމަށް ހައްލެއް ކަމަށް ނުދެކޭނެ އެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭން މައްސަލަ ހައްލުކުރަން އެމެރިކާ ބޭނުމެއް ނުވެ އެވެ. ރަޝިއާއަށް އެއްޗެއް ނުލިބޭ ގޮތަށް ސިފައިން ބޯޑަރުން ދުރަށް ނުޖައްސާނެ ކަމަށް ވެސް ރަޝިއާ ބުނެ އެވެ.

އަސްކަރީ ފައުޖުތައް ޔުކްރޭނާ ގާތަށް ފޮނުވަން ޖެހުނީ ވެސް ނޭޓޯ ސިފައިންގެ ހަރަކާތްތައް ހުރި ގޮތުން ކަމަށް ރަޝިއާ ބުނެ އެވެ.

އެހެން ނަމަވެސް ޔުކްރޭނަށް އަރައިގަނެ ގައުމު ހިފުމަކީ ނިޔަތެއް އޮތް ކަމެއް ނޫން ކަމަށް ވެސް ބުނެ އެވެ. އެމެރިކާ އާއި ޔޫރަޕުން ރަޝިއާގެ މިބުނުން ގަބޫލެއް ނުކުރެ އެވެ.