ސަރަހައްދީ މަސްލަހަތަށް ޓަކައި ދެމެހެއްޓެވި ކަމެއް ކުރުން އެމެރިކާއަށް މުހިންމު ވާން ޖެހޭނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ދެކުނު ޗައިނާ ކަނޑަށް އެމެރިކާގެ ފައިޓަރު ޖެޓެއް ވެއްޓުނު ހާލަތާ ގުޅުވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޖައޯ ލިޖިއަން ވިދާޅުވީ ތިމަންނަމެންނަށް ވުރެ މޮޅު ބަޔަކު ނެތް ކަމަށް ދެކި ފުއްޕަން ފަށައިފި ނަމަ އެކަލަހަ ގޮތެއް ވެސް ވެދާނެ ކަމަށެވެ.
ޖެޓް ވެއްޓުނު ސަރަހައްދަށް ޗައިނާ ޑައިވަރުން ފޮނުވާނަންތޯ ސުވާލު ކުރުމުން ތަރުޖަމާން ވިދާޅުވީ ދެކުނު ޗައިނާ ކަނޑަށް އެމެރިކާ ޖެޓެއް ވެއްޓުނު މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި އެމެރިކާގެ ފައިޓަރު ޖެޓްތަކަށް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
އެމެރިކާ ކަނޑުގެ ސިފައިން ބުނި ގޮތުގައި ޖެޓް ވެއްޓުނީ މަތިންދާބޯޓް އުފުލާ މަނަވަރަށް ޖައްސަން ދިއަ މަގުމަތީގައި ދިމާވި ކުށަކުން ކަމަށެވެ. އަދި މިހާރު ކަނޑު އަޑީގައި އޮތް ޖެޓްގެ ބައިތައް ނެގުމަށްޓަކައި އަސްކަރިއްޔާއިން މަސައްކަތްކުރާ ކަމަށެވެ.
މިހާދިސާގައި ޕައިލެޓް ސަލާމަތްވި ނަމަވެސް މަނަވަރުގައި ތިބި ހަތް ފަޅުވެރިންނަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.
ޗައިނާއިން ޓައިވާނަށް އަރާނެ ކަމަށް ބުނެ ޓައިވާނަށް އެހީދޭން ނުކުމެ އުޅޭ އެމެރިކާގެ މަނަވަރުތަކަށް ދެކުނު ޗައިނާ ކަނޑުގައި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. މިދާކަށް ދުވަހު ދަރުތު ކުރަމުން ދިއަ މަނަވަރެއް އެއްޗެއްގައި އަޅައިގަނެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އެހެން ނަމަވެސް އެކްސިޑެންޓެއް ހިނގި ކަމަށް ބުނުމުގެ އިތުރުން މަނަވަރަށް ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން އެމެރިކާއިން ވާހަކަ ދައްކާފައި ނުވެ އެވެ.
އެމެރިކާގެ އެފް35 މަރުކާގެ ބައެއް މޮޑެލްތަކަށް އެކި މައްސަ ޖެހި ޖެޓްތައް އުދުހުން މަނާ ކުރަން ވެސް ވަނީ ޖެހިފަ އެވެ.
ދެކުނު ކޮރެއާގައި ޖެޓަކަށް ދިމާވި ލޭންޑިން ގިއާގެ މައްސަލައަކާ ހެދި އިދާރާތަކުން ވަނީ ޖެޓްތައް ނުދުއްވަން އަމުރުކޮށްފަ އެވެ. އެހީ ޖެޓްތައް އުފައްދާ ލޮކްހީޑް މާޓިން ވަކި ގޮތެއް ނިންމަންދެނެވެ.