މިނިސްޓްރީ އޮފް ޓޫރިޒަމް

ރާފުށި ވިއްކާލުމުގެ މަސައްކަތް އަލުން ފަށައިފި

Jan 28, 2022

"އަދާރަން" ބްރޭންޑްގެ ހަތަރު ރިސޯޓެއް މިހާރު ވެސް ރާއްޖޭގައި ހިންގާ ސްރީލަންކާގެ އެއިޓްކެން ސްޕެންސް އިން ރިސޯޓެއް ތަރައްގީ ކުރަން ކުއްޔަށް ދީފައި އޮތް ނ. ރާފުށި ވިއްކާލުމަށް އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އިންވެސްޓް ކުރި ހޮޓަލް ޗެއިންތަކުގެ ތެރޭގައި ހިމެނޭ އެއިޓްކެން ސްޕެންސް އިން ކުރިން ބުނި ގޮތުގައި އެކުންފުނިން ރާފުށި ކުއްޔަށް ނެގުމަށް ފަސް މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އެ ކުންފުނިން ކުރިން ނިންމީ ރާފުށީގައި ހަތަރު ތަރީގެ ރިސޯޓެއް ހެދުމަށެވެ.

ތިން އަހަރުގެ ތެރޭގައި 250 ކޮޓަރިއާއި އެކު ރާފުށި ހުޅުވުމަށް ނިންމާ އެ ރަށް ކުއްޔަށް ނެގީ 2015 ވަނަ އަހަރު އެވެ.

ރާފުށި 5.38 މިލިއަން ޑޮލަރަށް ވިއްކާލުމަށް އެންމެ ފުރަތަމަ އިއުލާން ކުރީ 2019 އަހަރު އެވެ. އެ ރަށް ވިއްކާލުމުގެ މަސައްކަތް ދެވަނަ ފަހަރަށް ފަށާފައިވާއިރު ރަށް ވިއްކާލާ ވަކި ސަބަބެއް އަދި ރަށް ވިއްކާ އަގު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އެއިޓްކެން ސްޕެންސްގެ އިސްވެރިންނާ ހަވަލާދީ ލަންކާގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނިން މިހާރު ބޮޑަށް އިސްކަން ދެނީ ރަށްތައް ކުއްޔަށް ނަގައިގެން އެ ކުންފުނިން އެ ރަށެއް ތަރައްގީކޮށްގެން ހިންގުމުގެ ބަދަލުގައި ތަރައްގީކޮށްފައިވާ ރަށްތައް ކުއްޔަށް ނަގައިގެން މެނޭޖުކުރުމަށެވެ.

ރާފުށި ވިއްކާލުމަށް ނިންމާ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ އަށް އެއިޓްކެން ސްޕެންސް އިން ވަނީ އެދިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާފުށި ކުއްޔަށް ދިނުމާ ބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިފައިވާ އެންމެހާ ހައްގުތައް، އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ 14 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ލިޔުމަކުން ނުވަތަ އީމެއިލް އަކުން މިނިސްޓްރީއާ ހިއްސާކުރުމަށް އެދިފައިވެ އެވެ.