ރާއްޖޭގެ މުދައްރިސުންނާ ގުޅޭގޮތުން ހާއްސަ ދިރާސާއެއް ހެދުމަށްފަހު ދިރާސާގެ މައުލޫތު ހިމެނޭ ފޮތް ނެރެފި އެވެ.
ދިރާސާގެ މަސައްކަތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ(ގެ ފަންނީ ބޭފުޅުން ހިމެނޭ ޓީމަކުންނެވެ.
ދިރާސާގެ މައުލޫމާތު ހިމެނޭ ފޮތް، "ދިވެހިރާއްޖޭގައި ވަޒީފާއެއްގެ ގޮތުގައި މުދައްރިސުކަން: ދެކޭ ގޮތް، އަގުކުރެވޭ ގޮތް، ޚިޔާރު ކުރެވޭ ގޮތް" އިއްޔެ ވަނީ ނެރެފަ އެވެ.
މި ފޮތް ނެރެދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ. މިރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މުދައްރިސުން ލިބުން ދަތި ކަމަށާއި އެއީ ހައްލުކުރަން ޖެހޭ ގައުމީ މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހް ބޭނުންފުޅުވަނީ އިލްމީ ދިރާސާ އަކަށް ފަހު އެ މައްސަލަ ހައްލުކުރުމަށެވެ. އެހެންކަމުން އެމްއެންޔޫގެ ދިރާސާ އަކީ ސަރުކާރުގެ މަސައްކަތްތަކަށް ލިބިގެންދާނެ ފަސޭހައެއް އަދި ކުރިއެރުމެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން މިކަމަށް އަވަސް ހައްލެއް ވަކިން ހާއްސަކޮށް މުދައްރިސުންގެ މުސާރައިގެ ކަންތަކަށް އަވަސް ހައްލެއް މިސަރުކާރުން ގެނެސްދެއްވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެންޔޫ އިން ހެދި ދިރާސާގެ މައިގަނޑު މަގުސަދަކީ މުދައްރިސުންގެ ވަޒީފާ އިހްތިޔާރުކުރުމުގައި ވިސްނުން ގެންގުޅޭ ގޮތާއި، އެކަން އަގުކުރެވޭ ގޮތާއި، އެކަމަށް އަސަރުކުރުވާ ކަންކަން ދެނެގަތުމެވެ. ތައުލީމީ ދާއިރާ ނިންމާ ޒުވާނުން ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރި ކުރެވޭނެ ގޮތްތައް ވެސް ދިރާސާގައި ބަލާފައިވެ އެވެ.
ދެހާސް ނަވާރަވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މިއަދު ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންނާއި ވަގުތީ ޓީޗަރުން އިތުރުވަމުން ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށެވެ. އެކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ ތައުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތައުލީމީ މަންހަޖު ތަރައްގީކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖޭން ނުލިބުމުގެ ބިރު ބޮޑުވެފައިވާ ކަމުގައި ވެސް ވިދާޅުވި އެވެ. އަދި، އެކަން އެގޮތަށް ދޫކޮށްލެވިއްޖެނަމަ، ކުރިމަގުގެ ޖީލަކީ އިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ފަންނީ ގޮތުން ބޭނުންވާ ފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.