ޑރ. އިބްރާހިމް ހަސަން

އެމްއާރްއެމްގެ މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ރައީސްގެ ކެމްޕޭނާ ގުޅިވަޑައިގެންފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އަށް ނިސްބަތްވާ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް ސޯލިހް ރިޔާސީ ކެމްޕޭންގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. އަތޮޅަށެވެ. ރައީސްގެ މިދަތުރުފުޅުގައި ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދުއަށް ވަޑައިގަންނަވާނެ އެވެ.

ރައީސްގެ މިދަތުރުފުޅުގައި ބައިވެރިވަޑައިގަންނަވާ ވަޒީރުންގެ ތެރޭގައި އެމްޑީޕީއާއި އަދާލަތަށް ނިސްބަތްވާ ވަޒީރުން ހިމެނޭއިރު އެމްއާރްއެމްއަށް ނިސްބަތްވާ މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވެސް ބައިވެރިވެވަޑއިގަންނަވަ އެވެ.

އެމްއާރްއެމްގެ ފުރަތަމަ މުއައްސިސް -- ޑރ. އިބްރާހީމް ހަސަން ރައީސްގެ ކެމްޕޭންގެ ބައިވެރިވާ ހައިސިއްޔަތާއި ސަބަބު ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.

އެމްއާރްއެމްގެ ސްލޮޓެއްގައި މިސަރުކާރުގައި ވަޒީރުންގެ ގޮތުގައި މިހާރު ތިއްބެވީ ޑރ. އިބްރާހީމް ހަސަންގެ އިތުރުން ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި އަދާލަތު ޕާޓީއާއި ޖޭޕީއާއި އެމްއާރްއެމްގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އަދި މިހާތަނަށް ނިންމީ އަދާލަތު ޕާޓީ އެކަންޏެވެ. ކޯލިޝަން ހެދުމަށް ރައީސް ސޯލިހް، އެމްއާރްއެމްއަށް ފޮނުއްވި ދައުވަތުގެ ސިޓީއަށް ވެސް އެ ޕާޓީން އަދި މިހާތަނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ބައެއް ހަރަކާތްތަކުގައިވެސް އެމްއާރްއެމްގެ އިސް ބޭފުޅުން މިފަހަކަށް އައިސް ދަނީ ބައިވެރިވަމުންނެވެ.

ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ އެ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރުމަށެވެ. އެގޮތުން ޖޭޕީގެ ރިޔާސީ ޓިކެޓް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.