ބޮލީވުޑް

ޝެހެނާޒްގެ "ލޯބީގެ ސަލާމް" ހީބިހި ނަގާހާ އަސަރުގަދަ!

މިރޭ ދައްކަން ހަމަޖެހިފައިވާ "ބިގް ބޮސް 15" ގެ ގްރޭންޑް ފިނާލޭގައި މި ރިއަލިޓީ ޝޯގެ 13 ވަނަ ސީޒަން ކާމިޔާބުކުރި އަދި މިހާރު މި ދުނިޔެ ދޫކޮށްފައިވާ ސިދަރްތު ޝުކްލާއަށް އޭނާގެ ލޯބިވެރިޔާ އަދި ޝޯގައި އޭނާއާއެކު ބައިވެރިވި ޒުވާން ބަތަލާ ޝެހެނާޒް ގިލް (ސަނާ) ވަރަށް އަސަރުގަދަ "ލޯބީގެ ސަލާމެއް" ދީފި އެވެ.

މި ޓްރިބިއުޓްގެ ޕްރޮމޯ މިހާރު ކަލާޒް އިން ދައްކަމުންދާއިރު ސިދާރުތު އާއި ޝެހެނާޒް (ސިދްނާޒް) ފޭނުން ބުނަނީ މި ޕްރޮމޯ ފެނިފައި ވެސް ގައިން ހީބިހި ނަގައިގެން ދިޔަ ކަމަށެވެ. އެހާވެސް ލަވައިގެ އަސަރު ގަދަ ކަމަށެވެ.

ގްރޭންޑް ފިނާލޭގައި ޝެހެނާޒް ޕާފޯމް ކުރަނީ ސިދާރްތު މަރުވި ފަހުން އޭނާގެ ހަނދާނުގައި ޝެހެނާޒް އަމިއްލައަށް ކިޔާފައިވާ ލަވައަކަށެވެ. ލަވަޔަށް އޭނާ ޕާފޯމް ކުރަމުން ދިޔައިރު ސްޓޭޖުގެ ފަހަތުގައިވާ ސްކްރީނުން އެ ދެ މީހުން "ބިގް ބޮސް" ގެ ގޭގައި ހޭދަކުރި ދުވަސްތަކުގެ މަންޒަރުތައް ދައްކަމުން ގެންގޮސްފައި ވެއެވެ.

ސިދާރްތުގެ ހަނދާނުގައި ޝެހެނާޒް ކީ "ލޯބީގެ ސަލާމް"

ލެވެންޑާ ކުލައިގެ ގައުނެއްގައި ޝެހެނާޒް މި ލަވައަށް ޕާފޯމް ކުރަމުން ދިޔައިރު އޭނާއަށް ކުރަމުންދިޔަ އަސަރުތައް ވަރަށް ބޮޑަށް މޫނުމަތިން ފާލުވޭވޭ ހުއްޓެވެ.

ގްރޭންޑް ފިނާލޭގައި ޝެހެނާޒް ނޫނަސް އިތުރު ފަންނާނުން ޕާފޯމް ކުރާނެ އެވެ. ޝޯ ކާމިޔާބުކުރި ފަރާތް އިއުލާންކުރުން އޮންނާނީ މާދަމާ ރޭ ދައްކާ އެންމެ ފަހު އެޕިސޯޑުގަ އެވެ. މިފަހަރުގެ ޝޯގެ އެއްވަނަ އަށް ހަ މީހަކު ވާދަ ކުރެ އެވެ. އެއީ ޝަމިތާ ޝެޓީ އާއި ކަރަން ކުންދްރާ، ތޭޖާސްވީ ޕްރަކާޝް އާއި ރަޝްމީ ދެސާއީ، ޕްރަތީކް އާއި ނިޝާންތު ބަޓް އެވެ.