ޗެލްސީ

މޮރީނިއޯއާ ނުލައި ޗެލްސީ ފެންވަރު ދައްކާލައިފި

Dec 19, 2015
1

ހޯސޭ މޯރިނިއޯއާ ނުލައި ޗެލްސީ 3-1 އިން ސަންޑަލޭންޑް ބަލިކޮށް ފެންވަރު ދައްކާލައިފި އެވެ.
މޮރީނިއޯއާއެކު މި ސީޒަނުގައި ޗެލްސީގެ ފަރާތުން ފެންނަމުން އައި ދަށް ކުޅުމާއެކު ރެލިގޭޝަން ޒޯނަށް ވެއްޓިފައި ވަނިކޮށް މިއަދުގެ މެޗަށް ޗެލްސީ ނުކުތީ ކޯޗް ކަމުގެ މަގާމުން މޮރީނިއޯ ވަކިކުރުމަށްފަހު އެވެ.

މިއަދުގެ މެޗަށް ޗެލްސީ ސްޓޭންފޯޑް ބްރިޖަށް ނުކުތީ އެސިސްޓެންޓް ކޯޗް ސްޓީވް ހޮލެންޑްގެ އިރުޝާދުގެ ދަށުންނެވެ. މެޗް ކުޅުނު އިރު ސްޓޭމްފޯޑް ބްރިޖްގައި ޗެލްސީގެ ސަޕޯޓަރުން ވަނީ މޮރީނީއޯއަށް ތާއީދުކޮށް އަޑު އުފުލާފަ އެވެ.

ސީޒަން ނިމެންދެން އިންޓަރިމް ކޯޗެއްގެ ގޮތުގައި ހަމަޖެއްސި ހޮލެންޑްގެ ގުސް ހިޑިންކް އާއި ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމަވިޗް އަދި ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ އެކުގައި ކުޅި ބަލަން ތިބި މެޗު ފެށުމާއެކު މިރޭ ފެނުނީ މި ސީޒަނުގައި މީގެ ކުރިން ޗެލްސީ ލީގު މެޗުތަކުގައި ދައްކާފައި ނުވާ ފަދަ އަވަސް ކުޅުމެކެވެ. އަވަސް ކުޅުމުގައި ޗެލްސީއަށް ފުރަތަމަ ލަނޑު ޖަހައި ހާފުގެ ކުރީ ކޮޅުގައި ލީޑް ނަގައި ދިނީ ފަހަތަށް ކުޅޭ ސާބިއާގެ ޑިފެންޑަރު އިވްނޯވިޗެވެ. މެޗުގެ ފަސްވަނަ މިނެޓްގައި އިވަނަވިޗް ލަނޑު ޖަހާފައި ވަނީ ޑެޑްބޯލް އެކްސްޕާޓް، ވިލިއަން ނަގައިދިން ކޯނަރެއްގައި ބޮލުން ޖަހަ އެވެ.

ލަނޑަށް ފަހު ވެސް ޗެލްސީގެ ހުރިހާ ޑިޕާޓްމަންޓަކުން މޮޅަށް ކުޅުނު އިރު ޕްލޭމޭކާ އޮސްކާ ފެނިފައި ވަނީ އާދަހިލާފަށް މޮޅަށް ކުޅެ ނުރައް ކުރުމުގެ އިތުރުން ޑިއެގޯ ކޯސްޓާ އަށާއި ޕެޑްރޯ އަދި ވިލިއަންއަށް ފުރުސަތުތައް ތަނަވަސްކޮށް ދެމުން ދިޔަތަނެވެ. ޗެލްސީގެ ދެވަނަ ގޯލް ޖަހައި ދިނީ މެޗްގެ 13 ވަނަ މިނެޓްގައި ޕެޑްރޯ އެވެ. ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައި ދިނީ ޕެނަލްޓީއަކުން އޮސްކާ އެވެ. ސަންޑަލޭންޑްގެ ސުން ކަނޑުވާލައި ދިނީ ފަބިއޯ ބޮރިނީ އެވެ.

މުޅި މެޗަށް ބަލާއިރު ގިނަ ލަނޑުތަކެއް ޖަހާނެ ފުރުސަތަކެއް ޗެލްސީ ތަނަވަސްކޮށް ފުރުސަތުތައް ނަގައިލި އިރު ސަންޑަލޭންޑަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވެސްވެގެން އައެވެ. އިތުބާރާއި ގުޅުން ކެނޑި މުޅިން އަޑި އަޅާލާފައިވާ ޗެލްސީ މިރޭ ފެންވަރުގައި ކުޅެލި އިރު މުޅި ޓީމުން ވެސް އެންމެ ދަށް ކުޅުމެއް ދައްކާފައި ވަނީ މިދިއަ ދުވަސްތަކުގައި ޗެލްސީގެ ޑިފެންސްލައިންގައި ރަނގަޅަށް ކުޅެމުން އައި ޒުވާން ޑިފެންޑަރު ކާޓް ޒޫމާ އެވެ. އޭނާ ހެދި ގޯސްތަކުގެ ސަބަނުން ސަންޑަލޭންޑަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނެވެ.

މި ނަތީޖާއާއެކު ޗެލްސީ ވަނީ ޓޭބަލްގެ 15 ވަނައަށް ޖެހިލައި އުންމީދު އާންކޮށްފަ އެވެ.

މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މި ސީޒަންގައި ސަޕްރައިޒިން ނަތީޖާތައް ނެރެ ލީގުގެ ލީޑަރުކަން ކުރަމުން އަންނަ ލެސިސްޓާ ސިޓާ ވަނީ އެވަޓަން ބަލިކޮށް ލީގުގެ ކުރީގައި ހަމަޖެހިލާފަ އެވެ. އަނެއްކޮޅުން ނޯވިޗް ސިޓީއަތުން މޮޅު ނުވެވި މެންޗެސްޓާ ސިޓީން ވަނީ ތިން ޕޮއިންޓް ނަގާލާފަ އެވެ.