ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭންގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކުރުމުން ފާޑު ކިޔަން ފަށައިފި އެވެ.
ފާޑު ކިޔަފާއިވާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ އާންމު މެންބަރުންގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވެސް ހިމެނެ އެވެ.
ޝަހީދު ހުސައިން އާދަމް ނިސްބަތްވާ ކުޅުދުއްފުށި ތަމްސީލް ކުރާ އެ ރަށު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ޝަހީދު ކޯޕްރަލް ހުސައިން އާދަމަކީ ދިވެހިންގެ ގައުމީ ބަތޮލެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކުޅުދުއްފުށީގެ ފަހުރެއް ކަމަށާއި އެހެންކަމުން ސިޔާސީ ބޭނުމަށް އެ ބަތޮލުގެ ފޮޓޯ ބޭނުން ނުކުރެއްވުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިންގެ އަރިހުން އެދޭ ކަމަށެވެ.
"ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަހްލާގެއް ބެހެއްޓެވުން މުހިއްމު،" ޔާސިރު ވިދާޅުވެފައިވެ އެެވެ.
އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު ވެސް ވިދާޅުވީ ޝަހީދު ހުސައިން އާދަމް ފަދަ ގައުމީ ބަތަލަކަށް އިހްތިރާމު ކުޑަވާ ގޮތަށް ސިޔާސީ ބޭނުމަށް އެ ބަތަލުގެ ފޮޓޯ ބޭނުންކުރުމަކީ "ގައްދާރު" އަމަލެއް ކަމަށެވެ.
"ސިޔާސީ ގޮތުން ބުއްދިފިލާ ދިޔަޔަސް ގައުމީ ބަތަލް ޝަހީދު ހުސައިން އާދަމްގެ ގައުމީ ޖިހާދަށް ކޮންމެވެސް ވަރެއްގެ އިހްތިރާމެއް ކުރަންވާނެ،" ޝިފާއު ވިދާޅުވެފައިވެ އެވެ.
ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭންގެ ދަށުން އިއްޔެ ރަށެއްގެ ފާރުތަކެއްގައި ހަރުކުރި އިންޑިއާ އައުޓް ޖަހާފައި ހުރި ޕޯސްޓަރު ތަކެއްގައި ވަނީ ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ޖަހާފަ އެވެ.
އިންޑިއާ އައުޓް ކެމްޕޭނަކީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލަކަށް ވާތީ އެ ކެމްޕޭން ހުއްޓުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ކެމްޕޭން ހަރަކާތްތައް ދުވަހުން ދުވަހަށް ދަނީ އިތުރުކުރަމުންނެވެ.