ދުނިޔެ

އެމެރިކާ އުޅެނީ ކަންތައް މާ ބޮޑު ކޮށްގެން: ޔުކްރޭން

ރަޝިއާގެ އަސްކަރީ ފައުޖުތައް ޔުކްރޭން ބުޑަށް ޖަމާ ކުރަނީ ޔުކްރޭނަށް އަރައިގަންނަން ކަމަށް ބުނެ އެމެރިކާ ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ޔުކްރޭންގެ ރައީސްް ލަޑިމިއަރު ޒީލިއަންސްކީ ވިދާޅުވެއްޖެ އެވެ.

ޒީލިއަންސްކީ ވިދާޅުވި ގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތުން އުޅެނީ ކަންތައްގަނޑު މާ ބޮޑުކޮށްލައިގެން ކަމަށެވެ.

ޒީލިއަންސްކީ ވިދާޅުވީ އެމެރިކާ މިހާރު ކަންތައްކުރާ ގޮތުން ދޮންބާސް ސަރަހައްދުގައި މޮސްކޯއަށް އޮންނަ ހައިސިއްޔަތު ހައްތާ ވާނީ ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާ ގެންގުޅެނީ އަޑި ނޭނގޭ އެޖެންޑާއެއް ކަމަށާއި، ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ.

ބައިޑަން ސަރުކާރުން ބުނާ ގޮތުން ރަޝިއާއަށް ފުރުސަތު ފަހިވާ ގޮތަށް އެއްވެސް ކަމެއް އެމެރިކާ ނުކުރެ އެވެ. އަދި ރަޝިއާއާއެކު އެމެރިކާ އެއްވެސް ޑީލެއް ނުހަދަ އެވެ.

ޒީލިއަންސްކީ ގެންގުޅުއްވާ ޚާއްސަ މަޝްވަރާ ކޮމެޓީގެ މެމްބަރަކު ވިދާޅުވި ގޮތުން އެމެރިކާ ކަންކުރާ ގޮތުން ޒީލިއަންސްކީ ހުންނެވީ ގޮތް ހުސްވެ އުނދަގޫވެ ވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ބޭނުމެއް ނޭނގޭ ކަމަށް ޒީލިއަންސްކީ ވިދާޅުވި ކަމަށާއި އެކި ފަހަރު އެކި ވާހަކަ ދައްކައި މަޝްރަހު ކުނި ކުރުން ނޫން ކަމެއް އެމެރިކާ ނުކުރާ ކަމަށެވެ.

ރަޝިއާ ބުނާ ގޮތުން ޒީލިަންސްކީ މަސައްކަތް ކުރައްވަނީ ސަމާލުކަން ހޯއްދެވުމަށެވެ. އޭނާގެ ވާހަކަތައް ހުރީ އެ ސަރަހައްދަށް ނޭޓޯ ސިފައި އިތުރުކުރާ ގޮތަށް ކަމަށް ވެސް ރަޝިއާ ބުނެ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވި ގޮތުން ހުޅަނގުގައި އޮތީ އަމިއްލަ އެޖެންޑާ އެކެވެ. އެމީހުން ދައްކަނީ ރަޝިއާ ކަންކުރާ ގޮތުގެ ވާހަކައެއް ނޫނެވެ. އެމެރިކާ އާއި ޔޫރަޕުގެ ބޭނުމަކީ ރަޝިއާ ބަދުނާމުކޮށް ދަތި ކުރުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުން ޔުކްރޭނަށް އަރައިގަތުމަކީ ރަޝިއާ ވިސްނާފައި އޮތް ގޮތެއް ނޫނެވެ. އެހެން ނަމަވެސް، އެ ސަރަހައްދަށް ފައުޖުތައް ޖަމާކު ރަން އޮތް ހުއްޖަތަކީ ރަޝިއާ ބޮލުގައި ކަންތައްގަނޑެއް އެޅުވުން ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުން ގައުމީ މަސްލަހަތަކީ ރަޝިއާއަށް މުހިންމު ކަމެކެވެ. ރަޝިއާ ލައްވައި ހަނގުރާމަ ކުރުވަން އެދޭ ނަމަ އެކަމާ ވިސްނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އެކަމަކު މަސްލަހަތު ގެއްލުން ނޫން ކަމެއް އެކަމުގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.