ޔުކްރޭނަށް ބަޣާވާތެއް ގެނެސް ވެރިކަން ވައްޓާލުމަކީ ރަޝިއާ ވަރަށް އެދޭ ކަމެއް ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު، ޑޮމިނިކް ރާބް ވިދާޅުވި ގޮތުން ޔުކްރޭންގައި ބަޣާވާތް ކުރުމުގެ ބޭނުމަކީ ރަޝިއާ އަށް ކޮންޓްރޯލް އޮންނަ ސަރުކާރެއް ގާއިމުކުރުމެވެ.
ޔުކްރޭންގައި މިހާރު އޮތް ލަޑިމިއަރު ޒީލިއަންސްކީގެ ސަރުކާރަކީ ރަޝިއާއާ ބީރައްޓެހި، އެމެރިކާ އާއި އިނގިރޭސިވިލާތަށް ވަރަށް ބޮޑަށް އިތުބާރުކުރާ ސަރުކާރެކެވެ. މިކަމުގެ ސަބަބުން ރަޝިއާގެ މިނިވަން ކަމަށާއި އިސްތިގުލާލަށް ދަތިވާ ކަމަށް ރަޝިއާ ބުނެ އެވެ.
ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވީ ޔުކްރޭންގައި ބަޣާވާތް ކުރަން ރަޝިއާ މަސައްކަތްކުރާ ކަމަށް ހުޅަނގުން ބުނަނީ ކޮންމެވެސް ކަހަލަ މައްސަލަގަނޑެއްގެ ތެރެއަށް ރަޝިއާ ވައްދައި އެމީހުން ގުޅިގެން ރަޝިއާއަށް ދަތިކުރުމަށް ކަމަށެވެ.
ޔުކްރޭންގައި ބަޣާވާތްކޮށް ވެރިކަން ވައްޓާލަން ރަޝިއާ މަސައްކަތްކުރާ ކަމަށް ބުނުމަށް ވުރެ، ޔުކްރޭންގައި ހުރި އެމެރިކާ އާއި އިނގިރޭސި އެމްބަސީން މުވައްޒަފުން މަދުކުރި ސަބަބު ދުނިޔެއަށް އޮޅުންފިލުވައި ދިނުން މާރަނގަޅު ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ.
ރަޝިއާއަށް އަސްކަރީ ހަމަލާއެއް ދޭން ހުޅަގުން ވިސްނާފައި ނެތް ނަމަ ޔުކްރޭން އެމްބަސީން މުވަޒަފުން މަދުކުރުމުގެ ބޭނުމެއް ނެތް ކަމަށް ވަޒީރު ވިދާޅުވި އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން ބުނެފައި އޮތީ އެމްބަސީން މުވައްޒަފުން ހުސްކުރަނީ ރަޝިއާއިން ޔުކްރޭނަށް އަރައިގަނެ ހިސޯރުކޮށްފާނެ ކަމަށް ބިރުން ކަމަށެވެ. އަދި އެއީ ފަރުދުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
ލަވްރޯވް ވިދާޅުވި ގޮތުން އެމެރިކާ އާއި އިނގިރޭސިންގެ ވިސްނުން ރަނގަޅެއް ނޫނެވެ. އެމީހުން ރަޝިއާއާ މެދު އަބަދުވެސް ދެކެނީ ފަނާކުރަނިވި ވިސްނުމަކުން ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުން ރަޝިއާއަށް ގެއްލުމެއް ދޭން ވިސްނުމާއި އެމީހުންގެ ކަމަކަށް އޮންނަނީ ރަޝިއާ ނުބައިކޮށްފައި ވާހަކަފެތުރުން ކަމަށެވެ.
ލަވްރޯފް ވިދާޅުވީ ރަޝިއާއާ ގުޅުން އޮތް ބަޔަކު ޔުކްރޭންގައި ތިބި ނަމަ އިނގިރޭސިންގެ އަމަލުތަކަށް ބަލައިގެން އުޅެން އެދިވަޑައިގަންނަވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ މިވަގުތަށް އޮތް އެންމެ ރަގަޅު ގޮތަކަކީ އެމެރިކާ އާއި އިނގިރޭސި އަސްކަރީ ފައުޖުތައް ޔުކްރޭނަށް ޖަމާކުރަނީ ރަޝިއާއަށް ހަމަލާދޭން ކަމަށް ވިސްނުން ކަމަށެވެ.