ހަބަރު

މައުމޫން ލަންކާގެ ރައީސް އަދި ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ކުރީގެ ރައިސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ސްރީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާއާ ބައްދަލު ކުރައްވައިފި އެވެ.

މައުމޫން ލަންކާގެ ރައީސްއާ ބައްދަލު ކުރައްވާފައިވަނީ އެމަނިކުފާނުގެ އާއިލާއާއެކު އަމިއްލަފުޅު ދަތުރެއްގައި ލަންކާއަށް ވަޑައިގެންނެވެ. އެދަތުރުފުޅުގައި ލަންކާގެ ރައީސްގެ އިތުރުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވެސް އެމަނިކްފާނު ވަނީ ބައްދަލު ކުރެއްވި އެވެ.

ރައީސް މައުމޫން އޮފީހުން މިއަދު ބުނީ އެމަނިކްފާނު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާގެ އަރިހަށް ޒިޔާރަތް ކުރެއްވުމަށް ފަހު ރައީސް މައިތިރިޕާލަ ސިރިސޭނަ އަރިހަށްވެސް ރައީސް މައުމޫން ވަޑައިގެންނެވި ކަމަށާއި އެ ބައްދަލުވުންތަކުގައި ދެގައުމު ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

މީގެ އިތުރުން ލަންކާގައި އަންނަ އަހަރު ބާއްވާ އިސްލާމް އެންޑް ޑިމޮކްރަސީ އިން ސައުތު އޭޝިއާ އިންތިޒާމް ކުރާ ކޮމިޓީގައި ބައިވެރިވެވަޑައިގަތުމަށް މައުމޫނަށް ބޮޑުވަޒީރު ރަނިލް ދައުވަތު ދެއްވި ކަމަށާއި އަދި މައުމޫން އެ ދައުވަތު ގަބޫލުފުޅު ކުރައްވާފައި ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމުގައިވެސް މިހާރު ހުންނެވި މައުމޫން ލަންކާގެ ރައީސްއާއި ބޮޑު ވަޒީރާ މިއަދު ބައްދަލު ކުރައްވާފައިވާ އިރު މި ދޭތެރެއިން ދެގައުމު ދޭތެރޭ ވަނީ ނުތަނަވަސް ކަމެއް އުފެދިފަ އެވެ.