އެމްޑީޕީ

އިންޑިއާ އައުޓް ކެމްޕޭން ޖިނާއީ ކުށަކަށް ހަދަނީ

Jan 30, 2022
10

ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކޮށްފި އެވެ.

ބިލްގެ ނަމަކަށް މިވަގުތު ޖަހާފައިވަނީ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" އެވެ.

މިބިލްގައިވާ ގޮތުން ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާ އެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާ އަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެކެވެ. ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެކެވެ. އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބުނެފައިވެ އެވެ.

ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.

މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.

އެމްޑީޕީގެ ބައެއް މެންބަރުން މިއަދު އަވަސް އަށް ވިދާޅުވީ ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތައް ހުއްޓުވުމުގެ ބިލެއްގެ ޑްރާފްޓަށް ހިޔާލު ހުށަހެޅުމަށް ލިބިފައިވާ ކަމަށެވެ. ބައެއް މެންބަރުން ވިދާޅުވި ގޮތުގައި މަޖިލިސް މިއަހަރަށް ހުޅުވުމާ އެކު އެންމެ ފުރަތަމަ ހުށަހަޅާ ބިލްތަކުގެ ތެރޭގައި މި ބިލް ހިމެނެ އެވެ.

"އަޅުގަނޑު ދެކެނީ އެފަދަ ބިލެއް މިވަގުތު ހަމަ ވަރަށް މުހިއްމު ކަމަަށް. ގައުމުތަކާ އެކު އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް. އެފަދަ ކަންކަން ހުއްޓުވޭނެ ގާނޫނީ މަގެއް ފަހިވެފައި އޮންނަން ޖެހޭނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް އެމްޑީޕީގެ މެންބަރަކު ވިދާޅުވި އެވެ.

ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކޮށްފައި މިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ވަރުގަދަ ކެމްޕޭނެއް ހިންގަމުންދާ ވަގުތެއްގަ އެވެ.

ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގެންދަވަނީ އިންޑިއާ ސިފައިންގެ އެއްވެސް މީހަކަށް ރާއްޖޭގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ އިންޑިއާ އައުޓް ކެމްޕޭން އިތުރަށް ވަރުގަދަ ކުރުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. އެހެންވެ އިންޑިއާ އައުޓް ކެމްޕޭނަކީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލަކަށް ވާތީ އެ ކެމްޕޭން ހުއްޓުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ކެމްޕޭން ހަރަކާތްތައް ދުވަހުން ދުވަހަށް ދަނީ އިތުރުކުރަމުންނެވެ.