ޑރ. އަހުމަދު ޝަހީދު

އިންޑިއާ އަށް ފާޑުކިޔުން ޖިނާއީ ކުށަކަށް ނުހެދޭނެ: ޑރ. ޝަހީދު

Jan 30, 2022
5

ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ދެކޮޅަށް އަޑުއުފުލުން ޖިނާއީ ކުށަކަށް ނުހެދޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ޑ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކުރަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެފައި ވަނިކޮށެވެ.

މިބިލަށް ދެކޮޅު ހައްދަވާ ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ޖިނާއީ ކުށަކަށް ހެދުން އެއީ އެމްޑީޕީން ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އަދި އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ކުރައްވާނެ ކަމެއް ކަމަށް އެމަނިކުފާނަށް ހީފުޅުނުކުރެއްވޭ ކަމަށެވެ.

އދ.ގެ ދީނީ އަދި ފިކުރީ މިނިވަން ކަމާ ބެހޭ ހާއްސަ މަންދޫބުގެ މަގާމުގައި ވެސް ހުންނެވި ޑރ. ޝަހީދު ވިދާޅުވީ އެ ބިލް ތަންފީޒު ކުރުމަށް މަސައްކަތް ނުކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ހާރިޖީ ސިޔާސަތާއި އިންޑިއާއާ ގުޅޭ ސިޔާސަތަށް ފާޑު ކިޔުން ޖިނާއީ ކުށަކަށް ނުހެދޭނެ،" ޝަހީދު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން، ގާނޫނެއް ހަދައިގެން ހުއްޓުވޭނެ ކަމަށް ސަރުކާރުން ދެކޭ ނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހްމަދު އުޝާމް ވެސް ވަނީ ވިދާޅުވެފަ އެވެ.

ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ އުޝާމް ވިދާޅުވީ ގާނޫނެއް ހަދައިގެން އެކަން ހުއްޓުވޭނެ ކަމަށް ސަރުކާރުން ދެކޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި އެހެން ހަދާ ގާނޫނަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން އުޅުމުގެ ބަދަލުގައި މިފަދަ އެއްބަސްވުންތައް ސިއްރުނުކޮށް ވީހާވެސް ބޮޑަށް ކަންކަން ހާމަކުރާނަމަ މިހާލަތަށް ކަންކަން ނުދާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވެސް ވިދާޅުވީ އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތް ހުއްޓުމަށް ގާނޫނެއް ހަދަން ސަރުކާރަށް ޖެހުމުން ދޭހަވަނީ ރައީސް ޔާމީން ފެއްޓެވި ކެމްޕޭނާ ދެކޮޅަށް ސަރުކާރުން ކުރި ހުރިހާ ކަމެއް ފެއިލް ވެއްޖެ ކަމަށެވެ.

"ދެން ކުޅެން ޖެހޭނީ ޑިފެންސަށް. ބޭރުގެ އަސްކަރީ ބަޔަކު ތިބުމާ ދެކޮޅަށް މަސައްކަތް ނުހުއްޓުވޭނެ." އާދަމް ޝަރީފް ވިދާޅުވި އެވެ.

ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ހިމަނާފައިވެ އެވެެ.