ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ 241 ކޮމިޓީ އަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ރައީސް ނަޝީދު ސޮއި ކުރައްވާ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި އިންޑިއާ އައުޓް ކެމްޕޭންގެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައިވެ އެވެ.
މިސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އެފަދަ އަމަލުތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަންނަ އަމަލަކަށް ނުވާއިރު އެއީ ރާއްޖޭގެ މަސްލަހަތާ ހިލާފު އަދި އެކަމުގެ ސަބަބުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"އިންޑިއާ އަކީ އެތަކެއް ހާސް ދިވެހިންނެއް އެ ގައުމުގައި ދިރިއުޅެމުން އަންނަ ގައުމަކަށްވާއިރު 'އިންޑިއާ އައުޓް'ގެ ނަމުގައި ކުރިއަށް ގެންދާ އިސްދެންނެވި ހަރަކާތުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެ އެވެ." ރައީސް ނަޝީދުގެ ސިޓީގައިވެ އެވެ.
ރައީސް ނަޝީދު މީގެކުރިން ވަނީ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ފުލުހުންނަށާއި އެމްޑީޕީގެ މެންބަރުންގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ.
ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިހާރު ވަނީ ބިލެއް ވެސް ޑްރާފްޓްކޮށްފަ އެވެ. އެ ބިލް އަމާޒުކޮށްފައިވަނީ އިންޑިއާ އައުޓް ކެމްޕޭނަށެވެ.
އިންޑިއާ އައުޓް ކެމްޕޭންގެ މައްސަލަ ބަލަން ނަޝީދު އެދިވަޑައިގެންފައިވާއިރު ރާއްޖެއާއި ޗައިނާއާ ގުޅޭ މައްސަލަތަކުގައި ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ޗައިނާ އަށް ފާޑުވިދާޅުވަމުންނެވެ.
ޗައިނާއާ ގުޅޭ ގޮތުން ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަފުޅުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަފުޅުތަކެއް ކަމަށް ބުނެ ޗައިނާ ސަރުކާރުން ވަނީ އެފަދަ ވާހަކަފުޅުތައް ނުދެއްކެވުމަށް ރައީސް ނަޝީދަށް ވެސް ތަކުރާރުކޮށް އިލްތިމާސް ކުރައްވާފަ އެވެ.