(24 ޖެނުއަރީ 2021އާ ގުޅޭ)
ރިވާ ގެސްޓު ހައުސްއަށް ވަނުމާ އެކުގައި ރިސެޕްޝަންގައި އިން ކުއްޖާއާ ކޮންމެވެސް ވާހަކަތަކެއް ދައްކާފައި ރިޔާޒް ވަނީ އޭނާގެ އޮފީސް ބަޔަށެވެ. އަދި ވަރަށް އަވަސްކޮށް ރިޔާޒް އޭނާގެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ރާވައިލިއެވެ.
އަވަދިނެތި ވަރަށް އަވަސްކޮށް ކޮންމެވެސް ލިޔުންތަކެއް ޕްރިންޓު ކޮށްލުމަށްފަހުގައި ރިޔާޒް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ކުރަން އުޅޭ ކަމަކީ އޭނާއަށް އުނދަގޫ ކަމެއްހެން އޭނާއަށް އެވަގުތު ހީވެސް ނުވާ ކަހަލައެވެ. ރިޔާޒަކީ ކަންތައް ކުރުމުގައި "ސްމާރޓު" ގޮތްގަނޑު ގެންގުޅޭ މީހަކަށް ވާތީއެވެ.
މުޅިން އައު ދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. އިރު އެރި އިރު ވެސް ސަހުލާ އާއި ޖައިޝް ތިބީ ވާހަކައިގައެވެ. ޖައިޝް އިންތިހާއަށް ދެރަވެފައި އިނދެގެން ވެސް އޭނާ ގެންދިޔައީ ސަހުލާއަށް ވިސްނައި ދެމުންނެވެ. އެ ދަރިފުޅު އެދެމީހުން ގެންލިގެން ދިޔަސް، އެމީހުންގެ ޙަޔާތް ނިމުނީ ނޫން ކަމުގައި ޖައިޝް ގެންދިޔައީ ސަހުލާއަށް ބުނެދެމުންނެވެ. ޙަޤީޤަތުގައި ސަހުލާ ފަދައިން ޖައިޝް ވެސް އެ ދަރިފުޅަށް ވަރަށް އިންތިޒާރު ކުރިއެވެ. އެތައް ހުވަފެން ތަކެއް ދެކުނެވެ. އެހުރިހާ ހުވަފެން ތަކެއްގައި ކުލަ ނުޖެހި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިމިގެން ދިޔުން އެއީ ޖައިޝްގެ ހިތަށް ވެސް އެއްވެސް ހާލެއްގައި ބަރުދާސްތު ކުރަން ފަސޭހަ ކަމެއް ނޫނެވެ.
އެގޮތުގައި އެމީހުން ވާހަކައިގައި ތިއްބާ ޖައިޝްއަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ލިބުނީ ރިވާ ގެސްޓު ހައުސްގެ އެޗްއާރުން މެސެޖެކެވެ. މެސެޖުގައި ވަނީ މެނޭޖާރ މީޓް ކޮށްލަން ބޭނުންވާ ވާހަކައެވެ. ޖައިޝް ވަގުތުން އެމެސެޖު ދައްކައިލީ ސަހުލާއަށެވެ.
"އަހަރެން ރެޑީ ވެގެން މިދަނީ.. ސަހޫ ވެސް އެއްޗެއް ކެވޭތޯ ބަލަން ދޭ. އަހަރެން މިގުޅަނީ ރިޝްއަށް. އޭރުން ސަހޫ އެކަންޏެއް ނުވާނެއްނު.." ޖައިޝް އެހެން ބުނެ، ސަހުލާގެ އިސްތަށިގަނޑުގައި ފިރުމައިލުމަށްފަހު ވަނީ ފާޚާނާއަށެވެ.
***
ޑިއުޓީއަށް ގޮސް ޖައިޝް ވަނީ ގެސްޓު ހައުސްގެ ވެރިޔާގެ އޮފީހަށެވެ. ކޮންމެވެސް ވަރަކަށް ޖައިޝްގެ ހިތުގައި ނުތަނަވަސްކަން އެބަ އޮތެވެ. ވަޒީފާގެ އައު ކޮޅުގަައި ޢާއިލީ ޗުއްޓީގައި ޑިއުޓީއަށް ނައުމުން މެނޭޖްމެންޓުން ހިތްހަމަ ނުޖެހުނީ ކަމަށް ހީކޮށެވެ. ސިކުނޑީގައި އެކި ކަހަލަ ވިސްނުންތައް ކެކި އުތުރެމުންދާ ޙާލުގައި ޖައިޝް ގޮސް އިށީންނީ ރިޔާޒުގެ ކުރިމަތީގައި އިން ގޮނޑީގައެވެ.
"އައްސަލާމް އަލައިކުމް! މީ ރިޔާޒް. މި ތަނުގެ ވެރިޔާ. އަޅުގަނޑަކީ އާންމުކޮށް ފެންނަ މީހެއް ނޫން. މިހެން ވަރަށް މަދުން މިކޮޅަށް އައިސް އުޅެނީ.. މިވީ ދުވަސްތަކުގެ ތެރޭގަ އަހަރެންނަށް ވަރަށް ގިނަ ކަންތައް އެނގެއްޖެ. މިތާ މުވައްޒަފުންގެ އުޅުން ވެސް ދަސްވެއްޖެ." ރިޔާޒްގެ ވާހަކައިގެ ރާގު ހުރި ގޮތުން ޖައިޝްއަށް ފުރަތަމަ ވެސް އިޙްސާސް ވީ އޭނާ ކަނޑާލަން އުޅޭ ކަމުގެ އިޙްސާސެވެ. ނަމަވެސް ރިޔާޒްގެ އަޑުގައި އެެއްވެސް ހަރު ކަމެއް ނޫނީ ރުޅިވެރި ކަމެއް ވެސް ނެތެވެ. ވާހަކަ ދެއްކީ ވެސް ހިނިތުން ވުމަކާ އެކުގައެވެ.
"ސޮރީ.. އަޅުގަނޑު މިދުވަސްކޮޅު އޮފީހަށް ނައީ ޢާއިލީ ކަމެއް ދިމާވެގެން.. އަޅުގަނޑުގެ މަސައްކަތް ދަށީ ތޯ؟" ޖައިޝް ބިރުން ހުރެ ބަލައިލީ ރިޔާޒަށެވެ. ރިޔާޒް ދެފަރާތަށް ބޯ ހޫރައިލީ ޖައިޝް އެހި ސުވާލަށް ނޫނެކޭ ބުނަމުންނެވެ.
"އަޅުގަނޑުގެ މުވައްޒަފުންނަށް ވެސް ކަމެއް ދިމާވެދާނެ. ނާދެވޭނެ ދުވަސްތައް އަންނާނެ. އަޅުގަނޑު އެކަމާ ސުވާލެއް ނުއުފައްދަން. އަޅުގަނޑު ޖައިޝްއާ ދިމާ ކޮށްލަން ބޭނުންވީ މުޅިން އެހެން ކަމެއްގަ. ޙަޤީޤަތަށް ބުނަންޏާ، އަޅުގަނޑަކަށް ނޭނގެ ޖައިޝް ވަޒީފާއަށް މިދުވަސްކޮޅު ސަލާމް ބުނަނީ ކީއްވެ ކަމެއް. އެއީ އަޅުގަނޑު ބަލަން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑު ބަލަނީ ޖައިޝްގެ އެންމެ ކަމަކަށް.. އެއީ ޖައިޝްގެ މަސައްކަތަށް.. އެކަން ރަނގަޅު ވީމަ އެކަން ފާހަގަކުރަން މިގެނައީ.." ރިޔާޒް ބުނި ޖުމުލައާ އެކުގައި ޖައިޝް ހައިރާން ވިއެވެ. ޤަބޫލު ކުރަން ވެސް ފުރަތަމަ ދަތި ވިއެވެ. އެއީ ޖައިޝްއަށް އަމިއްލައަށް އޭނާގެ މަސައްކަތް ކަމު ނުދާތީއެވެ.
"އަޅުގަނޑު ބޭނުން ވަނީ ޖައިޝް މިތަނާ ހަވާލުވާން. މިތާ މުވައްޒަފުންނަށް މުސާރަދީ މިތަން ކޮޅެއްގަ ޖައްސަން. މިތަނުގެ ޚިދުމަތް ރަނގަޅު ކުރަން. އަޅުގަނޑު މާލެ ދާން ބޭނުން ވަނީ ޖައިޝް ކަހަލަ ކުއްޖަކާ މިތަން ހަވާލު ކޮށްފަ. ޖައިޝް ވާނީ މިތަނުގެ މެނޭޖަރަށް. ރިސެޕްޝަންގަ އިންނަ ފާތުން ވާނީ އެސިސްޓެންޓު މެނޭޖަރަށް. މިހާރު ތި ލިބެނީ 7000 ރުފިޔާގެ މުސާރައެއް. ޖައިޝްގެ މުސާރަ އަޅުގަނޑު ބޮޑު ކުރާނަން 35،000އަށް.." ރިޔާޒް ހުއްޓާ ނުލާ ދައްކަމުން ދިޔަ ވާހަކަތަކުން ޖައިޝްއަށް އިތުރަށް ލިބެމުން ދިޔަ ހައިރާންކަން ވީ ބޮޑެވެ. ރިޔާޒްގެ ވާހަކަ ޤަބޫލު ކުރަން ދަތިވެފައި ޖައިޝްއަށް އިނދެވުނީ އަނގަ ތަންމިނަށް ހުޅުވިފައެވެ.
"އެކަމު، އަޅު.. އަޅުގަނޑު.." ޖައިޝްއަށް ބުނެވުނީ އެވަރަށެވެ.
"ޖައިޝްއަށް ވާނެ. ތީ ވަރަށް ކެޕަބަލް ކުއްޖެއް." ރިޔާޒް އޭނާގެ ކަނާއަތް ދިއްކޮށްލީ ޖައިޝްއާ ދިމާލަށެވެ. ޖައިޝް މަޑުމަޑުން އޭނާގެ އަތް ނަގައި ރިޔާޒާ ސަލާމް ކޮށްލިއެވެ.
"ޑީލް.." ރިޔާޒް ބުނެލިއެވެ. ޖައިޝް ހިނިތުންވެލަމުން ބޯޖަހައިލިއެވެ. ރިޔާޒް ދިން އޮފާއަކީ ޖައިޝް ވެސް އިންކާރު ކުރަން ބޭނުންވި އޮފާއެއް ނޫނެވެ. ޖައިޝްގެ ހަޔާތަށް މިފަދަ ބޮޑު ހިތްދަތި ކަމެއް ލިބިފައިވާ ދަނޑިވަޅެއްގައި ޖައިޝް ދެކުނީ އެއީ އޭނާއަށް ލިބުނު ކުއްލި ބޮޑު ނަސީބެއް ކަމަށެވެ. ޖައިޝްއާ ވާހަކަދައްކާ ނިމުމާ އެކު މީޓިން ރޫމަށް ވަނީ ފާތުންނެވެ.
"އިށީންދޭ!" ރިޔާޒް ބަލައިލީ ފާތުންނަށެވެ.
"އެނގޭ ދޯ ކުރަން ޖެހޭ މަސައްކަތް.." ރިޔާޒް ލާނެއް ގޮތަކަށް ހީނލިއެވެ.
"އާދެ.." ފާތުން ވެސް ހިނިތުންވެލިއެވެ.
"ފާތުންގެ މުސާރައަކީ 1ލައްކަ. މިކަން ވާނެ 1 މަސް ކުރިން ނިންމަން. މާ ގިނަ ދުވަހެއް ނެތް.." ރިޔާޒް ހިނިގަނޑެއް ޖަހައިލިއެވެ.
"ނޯއްނާނެ މައްސަލައެއް..." ފާތުން ވެސް ހީނލިއެވެ.
ޑިއުޓީ ނިންމާލާފައި ޖައިޝް ގެއަށް ދިޔަ މަގުމަތީގައި ޔުއާދާ ވެސް ދިމާވިއެވެ. ރުޅިވެރި ކަމެއް ނެތި ޖައިޝް ޔުއާދާ ވާހަކަ ދެއްކީ ޔުއާދު އިސްވެ ވާހަކަދެއްކުމުންނެވެ. ޔުއާދު ވަރަށް ދެރަ ވެގެން ޖައިޝްގެ ކިބައިން މާފަށް އެދުމުން ޖައިޝް މާބޮޑު ކަމަކަށް ނުހަދާ އޭނާއަށް މާފު ދިނެވެ.
"ބްރޯ.. ވަރަށް ބޮޑަށް ތޭންކްސް. ކައެ ނެތީމަ މަގޭ ލައިފް ވަރަށް ސިކް. ވާހަކަ ޝެއާރ ކުރާނެ ބެސްޓު ފްރެންޑެއް ނެތް.. އައިމް ސޮރީ ބްރޯ.." ޔުއާދު އެހެން ބުނުމުން ޖައިޝް އޭނާގެ އަތް ބާއްވައިލީ ޔުއާދުގެ ކޮނޑުގައެވެ.
"ވީ ކަމެއް އެވީ ބްރޯ.. އަހަރެން އޯކޭ އޭ.. ބްރޯ ވެސް ދެން އިސްލާހު ވޭތޯ ބަލާ އިނގޭ." ޔުއާދާއި ޖައިޝް އެކީގައި ހިނގަމުން ވާހަކަދައްކަމުން ދިޔައެވެ.
***
ގެއަށް ދެވުމާ އެކުގައި ޖައިޝް ވަރަށް އުފާވެފައި އޭނާގެ ވަޒީފާގެ ކުރިއެރުން ސަހުލާއަށް ހިއްސާ ކުރިއެވެ. ސަހުލާ ވެސް އިންތިހާއަށް އުފާވިއެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ހިތް ނުތަނަވަސް ކަމެއް ސަހުލާގެ އެބަ އޮތެވެ. ނަމަވެސް އެވާހަކަ ދައްކަން ނޭނގުމުން ސަހުލާ އިޙްތިޔާރު ކުރީ ހިމޭނުން ހުންނާށެވެ.
"ދެން އަހަރެމެންގެ ޙަޔާތް ވަރަށް ރަނގަޅު ވާނެ. ފައިސާ އަކީ ދިރިއުޅުމަށް ވަރަށް މުހިންމު އެއްޗެއް. ދެން ސަހޫ ނުޖެހޭނެ ވަޒީފާއަށް ދާކަށް. އަހަރެންނަށް ލިބޭ އެއްޗަކުން މި ދިރިއުޅުން ވަރަށް ފުރިހަމަ ވާނެ." ޖައިޝް އުފަލުން ގޮސް ސަހުލާ އުރާލިއެވެ. ޖައިޝް އާއި ސަހުލާގެ ޙަޔާތަށް ލިބުނު ހިތާމައިގެ މައްޗަށް ޖައިޝްއަށް ލިބުނު ކާމިޔާބު ގަދަވެގަތެވެ. އެދެމީހުން ދެކުނީ އެއީ މާތް ﷲއެމީހުންގެ ޙަޔާތަށް ގެނައި އިތުރު ފުރިހަމަ ކަމެއް ކަމަށެވެ.
***
"މާދަން ޖައިޝް އޮފީހަށް އަންނަ އިރު، މިތަނުގެ އެކި ކަބަޑު ތަކުގަ ފައިސާ ހުންނާނެ. ފައިސާ އަކީ އެކަހަލަ މީހުން ވަރަށް އަވަހަށް މަގުފުރެދޭ އެއްޗެއް، ހެހެ. ކޮންމެ މީހެއް ވެސް މަގު ފުރެދޭނެ. ފާތުން ވާނެ ފާތުންގެ ރޯލް އަދާ ކުރަން.. އަހަންނަށް ހެޔޮ ފާތުންގެ ހަށިގަނޑު އޭނާއަށް ދީގެން ވިޔަސް.." ފާތުން އާއި ރިޔާޒް އެއްކޮށް ހޭން ފެށިއެވެ. (ނުނިމޭ)