ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ޗައިނާއަށް ވަޑައިގަންނަވަން ވަނީ ނިންމަވާފަ އެވެ. ޚަބަރުތައް ބުނާ ގޮތުން ބޮޑުވަޒީރު ދަތުރުފުޅު ފައްޓަވާނީ ފެބްރުއަރީ ތިނެއްގަ އެވެ.
ޗައިނާގައި ފެބްރުއަރީ 4 އިން 20 އަށް އޮންނަ ބީޖިން އޮލިމްޕިކްސްގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އިމްރާން ކުރައްވާ ދަތުރުގައި، އިންވެސްޓްމަންޓް ދާއިރާއިން ލޯނު ހޯއްދެވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެކްސްޕްރެސް ޓްރިބިއޫން ބުނެ އެވެ.
ޕާކިސްތާން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުން ޗައިނާއިން ލޯނު ނެގުމާ ބެހޭ ގޮތުން ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެވުނެވެ. އަދި ލޯނެއް ނެގުމަކީ ގައުމުގެ ހާލަތު މިވަގު އޮތް ގޮތުން ބޭރު ފައިސާގެ ދަތިކަން ހައްލުކުރަން ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ވަޒީރުން ވިދާޅުވި އެވެ.
ޗައިނާއިން އެކި މާނައިގައި ޕާކިސްތާނަށް 11 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ލޯނުތައް އަދާ ކުރުމުގެ އިތުރުން އިންޓަރެސްޓްގެ ގޮތުގައި ދައްކަން ޖެހޭ އަދަދުތައް ދެ ގައުމަށް އެއްބަސްވެވޭ ގޮތަކަށް ދައްކަމުން ގެންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސައޫދީ އަރަބިއްޔާ އަކީ ވެސް ޕާކިސްތާނަށް މާލީ އެހީތެރިކަން ފޯރު ކޮށްދޭ ގައުމެކެވެ. ސައޫދީއަކީ ހިލޭ އެހީ އަދި ލޯނު ނެގުމުގައި ޕާކިސްތާނުން ވަރަށް އިތުބާރުކުރާ ގައުމެކެވެ.
ސައޫދީން މިދާކަށް ދުވަހު ތިން ބިލިއަން ޑޮލަރުގެ ލޯނެއް ޕާކިސްތާނަށް ވަނީ ދީފަ އެވެ. އަދި ދުނިޔޭގެ އިގުތިސޯދީ އޮނިގަނޑުގައި ޕާކިސްތާނަށް ހަމަނޭވާ ލެވޭނެ ގޮތް ހަދައި ދިނުމަށް ސައޫދީން އެހީތެރިވާނެ ކަމަށް އޮތީ ބުނެފަ އެވެ.