ބޮލީވުޑް

ރިތިކް ރޯޝަން ފޮރުވައިގެން އުޅޭ ލޯބިވެރިޔާ ފެނިއްޖެ

ރިތިކް ރޯޝަން އާ ލޯބިވެރިޔަކު ހޯދައިފި އެވެ. ނަމަވެސް އޭނާ އަދި އުޅެނީ މީޑިއާ އަށާއި ފޭނުންނަށް ލޯބިވެރިޔާ ފޮރުވައިގެނެވެ. ރިތިކް އާއި އޭނާގެ މި އާ ލޯބިވެރިޔާ އަތާ އަތް ގުޅައިގެން ޑިނާ ޑޭޓަކުން ނުކުންނަނިކޮށް ޕަޕަރާޒީން ފޮޓޯ ނަގަން ފެށުމުން ރިތިކް ވަނީ އޭނާ ފޮރުވަން ވަރަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭނާގެ ބައެއް ފޮޓޯތައް ކެމެރާތަކަށް އެރުމާއެކު އެއީ ކާކުކަން ވަނީ ޔަގީން ކުރެވިފަ އެވެ.

ރިތިކްގެ ސިއްރު ލޯބިވެރިޔާ އަކީ ލަވަކިޔުންތެރިޔާ އަދި އަލަށް ފިޔަޖަހަމުން އަންނަ ބަތަލާ ސަބާ އާޒާދެވެ. ލަވަ ކިއުމުގެ އިތުރުން ހިންދީ ފަސް ފިލްމެއްގައި މިހާތަނަށް ސަބާ މަސައްކަތް ކޮށްފައި ވެއެވެ.

ރިތިކްގެ ގާތް އެކުވެރިއަކު ބުނި ގޮތުގައި ރިތިކް އާއި ސަބާ ލޯބިގެ ގޮތުން ގުޅުނުތާ ދުވަސްކޮޅެއް ވެފައި އެވެ. ނަމަވެސް ރިތިކް އަކީ ޒާތީ ދިރިއުޅުން މިޑިއާއަށް ހާމަ ކުރަން ބޭނުންވާ މީހެއް ނޫނެވެ. އެހެންވެ އާ ލޯބިވެރިޔާ ވެސް ފޮރުވައިގެން އުޅެނީ އެވެ.

ހުކުރު ދުވަހުގެ ރޭ ރިތިކް އާއި ސަބާ އަތާ އަތް ގުޅާލައިގެން ރެސްޓޯރަންޓަކުން ނުކުންނަނިކޮށް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ. ފޮޓޯ ނަގަން ފެށުމުން ސަބާ އޭނާގެ މޫނު ފޮރުވަން މަސައްކަތް ކުރަމުން ދިޔައިރު ރިތިކް ހުރީ ސަބާގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެނެވެ.

އުމުރުން 32 އަހަރުގެ ސަބާ ބޮލީވުޑަށް ތައާރަފްވީ 2008 ގައި ރިލިޒްކުރި "ދިލް ކަބައްޑީ" ކިޔާ ފިލްމަކުންނެވެ. އޭގެ ފަހުން 2011 ގައި "މުޖްސޭ ފްރާންޑްޝިޕް ކަރޯގޭ" ކިޔާ ފިލްމެއް އޭނާ ކުޅެފައި ވެއެވެ. މިހާތަނަށް ފަސް ފިލްމެއް އޭނާ ކުޅެފައިވާއިރު އެންމެ ފަހުން ކުޅުނީ 2021 ގައި ނެޓްފްލިކްސްގައި ރިލީޒްކުރި "ފީލްސް ލައިކް އިޝްގް" އެވެ.

ސަބާ ސްޓޭޖްތަކުގައި ލަވަކިޔަނީ އިމާދު ޝާހް ނަމަކަށް ކިޔާ ލަވަކިޔުންތެރިއަކާ އެކުގަ އެވެ. އިމާދަކީ އެކްޓަރު ނަސީރުއްދީން ޝާހް އާއި ރަތުނާ ޕާތަކް ޝާހްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަދި ސަބާގެ ކުރީގެ ލޯބިވެރިޔާ ވެސް މެއެވެ. އިމާދު އާއި ސަބާގެ ލޯބީގެ ގުޅުން ކެނޑިފައި ވިޔަސް ދެ މީހުން އެކުގައި ސްޓޭޖްތަކުގައި ޕާފޯމްކުރުން ހުއްޓައެއް ނުލަ އެވެ.

ރިތިކްގެ ގާތް މީހަކު ބުނި ގޮތުގައި ސަބާ އާއި ލޯބީގެ ގޮތުން ގުޅިގެން ރިތިކް އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މިހާތަނަށް އެމީހުން ބައްދަލުކުރަމުން ދިޔައީ ސިއްރުން ނަމަވެސް މިހާރު މަޑުމަޑުން އާއްމުންގެ ތެރެއަށް ސަބާ ގޮވައިގެން ރިތިކް ނުކުންނަން ފެށީ ކަމަށް އެކުވެރިޔާ ބުންޏެވެ.

ރިތިކް އާއި ކުރީގެ އަނބިމީހާ ސުޒާން ރޯޝަން އަށް ދެ ފިރިހެންދަރިން ލިބިފައި ވެއެވެ. ރީހާން އާއި ރިދާން އެވެ. ސުޒާން ވެސް މިހާރު ވަނީ އާ ލޯބިވެރިޔަކު ހޯދާފަ އެވެ. ސުޒާންގެ ލޯބިވެރިޔާ އަކީ ޓީވީ އެކްޓަރު އަރްސަލާން ގޯނީ އެވެ.