ރޭ ނިމުނު "ބިގް ބޮސް 15" ގެ ޓްރޮފީ ހާސިލް ކޮށްފައި ވަނީ ތޭޖާސްވީ ޕްރަކާޝް އެވެ. މި ކާމިޔާބާއެކު ތޭޖަސްވީއަށް އިތުރު ކާމިޔާބެއް ވެސް ވަނީ ލިބިފަ އެވެ. އެކްތާ ކަޕޫރުގެ "ނާގިން" ސީރީޒްގެ ހަވަނަ ސީޒަންގެ ލީޑް ރޯލު ލިބުމުންނެވެ. މިހާރު ފަށަން ތައްޔާރު ވެފައިވާއިރު މިފަހަރުގެ ސީޒަންގައި ބަތަލާގެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން ވަރަށް ގިނަ އަޑުތައް އަރާފައި ވެއެވެ. ނަމަވެސް ޝޯގެ އެންމެ ފަހުގެ ޕްރޮމޯއިން މިފަހަރުގެ ސީޒަންގައި ބަތަލާގެ ރޯލު ކުޅޭނީ ތޭޖާސްވީ ޕްރަކާޝްކަން ވަނީ ޔަގީން ވެފަ އެވެ.
ކަލާޒް ޓީވީން ދައްކާ "ނާގިން" ގެ ލީޑް ރޯލު ތޭޖާސްވީއަށް ލިބުނުއިރު ހަމަ އެ ޗެނަލުން ދެއްކި "ބިގް ބޮސް 15" އިގެ ޓްރޮފީ ވެސް ހާސިލު ވުމުން އެއް ފަހަރާ ބޮޑު ދެ އުފާ ތޭޖާސްވީއަށް ހާސިލު ވީ އެވެ. އަދި މީގެ އިތުރުން ބިގް ބޮސްގެ ގެއިން އޭނާ ދެކެ އިންތިހާއަށް ލޯބިވާ ލޯބިވެރިޔަކު ވެސް ތޭޖާސްވީ ވަނީ ހޯދާފަ އެވެ.
ތޭޖާސްވީ ވަނީ "ސްވަރާގިނީ" އާއި "ފިއާ ފެކްޓާ – ޚަތުރޯންކީ ކިލާޅީ 15" ގައި ވެސް މީގެ ކުރިން ބައިވެރިވެފަ އެވެ.
"ބިގް ބޮސް" ގެ މިފަހަރުގެ ސީޒަން ކާމިޔާބު ވުމުން ތޭޖާސްވީއަށް 40 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ވަނީ ލިބިފަ އެވެ. ދެ ވަނަ އަށް ދިޔައީ ޕްރަތީކް އެވެ. އަދި ތިން ވަނަ އަށް ކަރަން ކުންދްރާ އެވެ.
އެކްތާގެ މި ޚިޔާލީ ހަރުފައެއް އުޅޭ ސީރީޒްގެ ފުރަތަމަ ސީޒަން އާއި ދެ ވަނަ ސީޒަންގައި ލީޑް ރޯލު އަދާކުރީ މޯނީ ރޯއީ އެވެ. ތިން ވަނަ ސީޒަންގައި އަދާ ޚާން އާއި ސުރްބީ ޖޯތީ އެވެ. އޭގެ ފަހުން ދެއްކި ސީޒަންތަކުގައި އަނީތާ ހަސަނަންދާނީ އާއި ނިއާ ޝަރުމާ އަދި ސުރްބީ ޗަންދްނާ އެވެ.