ލައިފްސްޓައިލް

66 އަހަރު މީހަކު އަތާފައި ބަނދެގެން ފަތައި ރެކޯޑެއް ހަދައިފި

ދުނިޔޭގެ ރެކޯޑެއް މުގުރާލަން ވަކި އުމުރެއް ނޯންނާނެ އެވެ. އެމީހެއްގެ ހިތްވަރާއި އަޒުމާއި ފަންވަރު ހުރެއްޖެނަމަ ކޮންމެ އުމުރެއްގައި ވެސް ރެކޯޑެއް މުގުރާލެވިދާނެ އެވެ. އެކަން ސާބިތުކޮށްދިނީ އުމުރުން 66 އަހަރުގެ މި މީހާ އެވެ.

ގަންގާދަރު ޖީ. ކަޑޭކަރް އަކީ އިންޑިޔާގެ ކަރްނާޓަކާގެ އުޅުޕީގައި ދިރިއުޅޭ މީހެކެވެ. އޭނާގެ ނަން ގޯލްޑަން ބުކް ވޯލްޑް ރެކޯޑްސް ފޮތަށް އެރީ އަތާއި ފައި ބަނދެގެން 3.5 ކިލޯ މިޓަރަށް ފަތައިގެންނެވެ.

މިދިޔަ ހޯމަ ދުވަހު އޭނާ މި ރެކޯޑް ހެދީ ސެން މޭރީޒް އައިލެންޑުން ޕަޑުކަރޭ ކިޔާ ހިސާބަކަށް ފަތައިގެނެވެ. އޭނާ ފެތި ސަރަހައްދުގެ ދުރުމިނުގައި 3.5 ކިލޯ މީޓަރު ހުރިއިރު މި ދުރުމިން އޭނާ ކަވަރުކުރީ ފަސް ގަޑިއިރާއި 35 މިނިޓުންނެވެ.

އަތާއި ފައި ބަނދެގެން އޭނާ ފަތަން ފެށީ ހެނދުނު 7.50 ގައެވެ. އޭނާއަށް ބޭނުންވާ މަންޒިލަށް ދެވުނީ މެންދުރު 1.25 ގައެވެ.
މި ރެކޯޑް ގާއިމްކުރުމަށް ފަހު ކެޑޭކަރް ބުނީ އޭނާގެ އަތާއި ފައި ބަނދެފައި ވާތީ އޭނާ ފެތީ ކޯމަސް ފަތާ ގޮތަށް ކަމަށެވެ. މިގޮތަށް މިހާ ގިނައިރު ފެތުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވީ ނަމަވެސް އޭނާގެ ހިތްވަރާއި އަޒުމަށް ބަދަލެއް ނާންނަ ކަމަށް އޭނާ ބުންޏެވެ.

ކަޑޭކަރް އަކީ ކުޑަކުދިންނަށް ފެތުރުމުގެ ތަމްރީނުދޭ އިންސްޓްރަކްޓަރެކެވެ. އެހެންވެ އޭނާ މި ރެކޯޑް ހެދުމުގެ ބޭނުމަކީ އޭނާ ދަސްކޮށްދޭ ކުދިންނަށް ނަމޫނާ މީހަކަށް ވުމަށެވެ.

ކުރިން އިންޑިއާގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރި ކަޑޭކަރް ފެތުމުގެ ހަރަކާތްތައް ފެށީ އުމުރުން 50 އަހަރުގަ އެވެ. އޭނާ މި މަސައްކަތް ފެށީ ވަރަށް ޒުވާން ކުދިން ގެނބިގެން މަރުވާ ޚަބަރުތައް އިވޭތޯ އެކަމާ ކަންބޮޑުވެގެން މީހުންނަށް ފަތަން ދަސްކޮށްދޭން ފަށަން ގަސްތުކޮށްގެންނެވެ. ސްވިމިން ކްލަބެއްގައި ބައިވެރިވި މިހާރު އޭނާ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނަށް ފަތަން ދަސްކޮށްދިނުމުގެ މަސައްކަތް ކޮށްދެ އެވެ.

އޭނާއަކީ ސްޓޭޓް ލެވެލް ގައާއި ނެޝަނަލް ލެވެލްގެ ފެތުމުގެ މުބާރާތްތަކުން ރަން، ރިހި އަދި ބްރޯންޒް މެޑަލް ހޯދާފައިވާ ކުޅަދާނަ ފެތުންތެރިއެކެވެ.